އެމްޑީޕީ

ފެނަކަ އޮފީހުގައި ކެމްޕެއިން ބައްދަލުވުމެއް ބޭއްވި މައްސަލައެއް ބަލައިދޭން އެދިއްޖެ

އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލްގެ ކެމްޕެއިން ޓީމުން ގއ. ނިލަންދޫގެ ފެނަކަ އޮފީހުގައި ކެންޕޭން ބައްދަލުވުމެއް ބޭއްވި މައްސަލަ ބަލާ ތަހުގީގުކޮށް ފިޔަވަޅު އަޅައިދިނުމަށް ފައްޔާޒް އާއި ވާދަކުރައްވާ އިމްތިޔާޒް ފަހުމީގެ ކެންޕެއިނުން ދައުލަތުގެ ކަމާއިބެހޭ އިދާރާތަކާއި އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީއަށް ގޮވާލާ މައްސަލަ ހުށައަޅައިފި އެވެ.

އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ބުނީ ​​ވާދަވެރި ކެންޑިޑޭޓުގެ ކެންޕެއިންގައި ޝާމިލުވާ މީހުން ސޯޝަލް މީޑިޔާގައި އެ ބައްދަލުވުމުގެ ފޮޓޯ އާއި ހަބަރުވެސް ޓްވީޓު ކޮށްފައިވާ ކަމަށާ ދައުލަތުގެ ވަސީލަތާއި މުދަލާއި މުއައްޒަފުން ފައްޔާޒުގެ ކެންޕެއިނަށް ބޭނުންކުރަމުން ގެންދާ ކަމަށެވެ.

​​އެމްޑީޕީގެ ޗެއާޕާސަން އިންތިހާބުގައި އިމްތިޔާޒް ފަހުމީއަށް ތާއީދުކުރާ މީހުންނަށް ވަޒީފާގެ ބިރުދެއްކުމާއި ވާދަވެރި ކެންޑިޑޭޓްގެ ކެންޕޭނަށް ދައުލަތުގެ ވަސީލަތާއި މުދަލާއި މުއައްޒަފުން ބޭނުން ކުރާކަމުގެ މައުލޫމާތު އަބަދުވެސް ލިބެމުންދާއިރު އެއިން އެއްވެސް ކަމަކަށް އެކަށީގެންވާ ތަސައްލީއެއް މިހާތަނަށް ލިބިދެވިފައި ނެތް ކަމީ ހިތާމަހުރި ކަމެއް ކަމަށެވެ.

އިންތިހާބަކަށް ނުފޫޒު ފޯރުވުމުގެ ގޮތުން ސަރުކާރުގެ ވަސީލަތްތައް ބޭނުން ކުރުމަކީ މި ސަރުކާރުން އެއްވެސް ހާލެއްގައި ގަބޫލުކުރާ އަދި އަމަލުކޮށްފައިވާ ގޮތެއް ނޫން ކަމަށާ އެފަދަ އަމަލުތަކަކީ ސަރުކާރުން އަބަދުވެސް ކުށްވެރިކުރާ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅު ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މަބްރޫކް އަޒީޒް ވެފައިވާ ކަމަށާ ނަމަވެސް ތަކުރާރުކޮށް ފެނި ފައުޅުވަމުން ދަނީ އެ ވާހަހިކަތަކާއި ލާފު މަންޒަރުތައް ކަމަށްވެސް އިންތިގެ ކެމްޕެއިން ޓީމުން ބުންޏެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވާދަވެރި ކެންޑިޑޭޓްގެ ކެންޕޭންގެ ޓްވީޓެއް ރީ-ޓުވީޓުކުރުމާއި ދިވެހި ސަރުކާރުގެ ރަސްމީ ޓްވިޓާ އެކައުންޓުން ވާދަވެރި ކެންޑިޑޭޓުގެ ވާގިވެރިންގެ ހަބަރު ރީ-ޓުވީޓުކުރުމަކީ އެކަމުގެ ހެއްކަކަށް ފުދޭ ކުޑަ މިންވަރެއް ކަމަށްވސް ބުނެފައިވެއެވެ.

​އިމްތިޔާޒުގެ ކެމްޕެއިން ޓީމުން ވަނީ ވަޒީފާގެ ބިރުދެއްކުމާއި ވާދަވެރި ކެންޑިޑޭޓްގެ ކެންޕޭނަށް ހާއްސަކޮށް ފެނަކަ ފަދަ ދައުލަތް ހިއްސާވާ ކުންފުނިތައް ހިމެނޭ ގޮތުން ދިވެހި ދައުލަތުގެ ވަސީލަތާއި މުދަލާއި މުއައްޒަފުން ބޭނުންކުރަމުންދާ ދިއުމަކީ ކުޑަކޮށްވެސް ބަލައިގަނެވެން ނެތް އެކަން ނުހުއްޓުވައި ބަލަހައްޓައިގެން ތިބުން ހުތުރު ވެގެންވާ އަދި ޑިމޮކްރެޓިކް މުޖުތަމައެއްގައި ކުޑަވެސް މިންވަރަށް ބަލައިގަނެވޭ ބާވަތުގެ ކަންކަން ނޫންކަން ދިވެހި ސަރުކާރަށް ހަނދާންކޮށްދޭ ކަމަށް ބުނެފައެވެ.