އެމްޑީޕީ

ފައްޔާޒުު މޮޅުވީ 7،183 ވޯޓް ތަފާތުން

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފި އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް ލިބިވަޑައިގެންފައިވަނީ 27،163 ވޯޓެވެ. ފައްޔާޒު އާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ.

މި އިންތިހާބުގައި 48،107 މީހަކު ވަނީ ވޯޓްލާފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 47،143 ވޯޓެވެ. ބާތިލު ވޯޓްގެ ގޮތުގައި 964 ވޯޓް ގުނާފައިވެއެވެ.

އެމްޑީޕީން ވަނީ ހުރިހާ ދާއިރާތަކުން ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓްގެ ތަފްސީލުވެސް އާންމުކޮށްފައެވެ. މާލެ ސިޓީން ފައްޔާޒަށް ކުރި ލިބުނީ ތިން ދާއިރާއިންނެވެ. އެއީ ހުޅުމާލެ ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އެވެ. އެހެން ހުރިހާ ދާއިރާއަކުން ކުރި ހޯއްދެވީ އިމްތިޔާޒު ފަހްމީ އެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ވޯޓްގެ ފަރަގު ވަރަށް ކުޑައެވެ.

އައްޑޫ ސިޓީގެ ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާ އިން މެޖޯރިޓީ ހޯއްދެވީ ފައްޔާޒެވެ. އިމްތިޔާޒަށް ކުރި ހޯއްދެވީ ދެ ދާއިރާއިންނެވެ. އެއީ މަރަދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އެވެ.

ފުވައްމުލަކު ސިޓީގެ ދެ ދާއިރާ އިމްތިޔާޒު ކާމިޔާބު ކުރެއްވިއެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އެވެ. ފައްޔާޒަށް މެޖޯރިޓީ ލިބިފައިވަނީ ފުވައްމުލަކު މެދު ދާއިރާއިންނެވެ.

ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ފައްޔާޒެވެ. އެ ދާއިރާއިން ފައްޔާޒު ވަނީ 408 ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 166 ވޯޓެވެ. ކުޅުދުއްފުށި ދެކުނު ދާއިރާ އިން 192 ވޯޓާއެކު ކުރި ހޯއްދެވީ އިމްތިޔާޒެވެ. ފައްޔާޒަށް ލިބިފައިވަނީ 127 ވޯޓެވެ.

ހޮނިހިރު ދުވަހުގެ އިންތިހާބުގައި އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވެފައިވަނީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވަނީ 11،586 ވޯޓް ހޯއްދަވާފައެވެ. މި އިންތިހާބުގައި ރޮޒައިނާ ނިކުންނެވީ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި ފައްޔާޒު އިސްމާއީލްގެ "ހިންގާލަން" ޓީމާއެކުގައެވެ.

ރޮޒައިނާއާ ވާދަކުރެއްވި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ސަފާތު އަހުމަދު ޒާހިރަށް ލިބިފައިވަނީ 7،930 ވޯޓެވެ.

މި އިންތިހާބުގައި 20،696 މީހަކު ވަނީ ވޯޓް ދީފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 19،516 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 1180 ވޯޓް ގުނާފައިވެއެވެ.

އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި އަންހެނުންގެ ރޫހުގެ ނާއިބު ރައީސާގެ މަގާމަށާއި ޒުވާނުންގެ ހިތްވަރުގެ ރައީސްގެ މަގާމަށް އަދި ޒުވާނުންގެ ހިތްވަރުގެ ނާއިބު ރައީސް ކަމަށް މެންބަރުން އިންތިހާބުކޮށްފައިވެއެވެ.

އަންހެނުންގެ ރޫހުގެ ނާއިބު ރައީސާގެ މަގާމަށް ކުރިމަތިލެއްވީ ފާތިމަތު ސަމީރު އެކަންޏެވެ. އެހެން ކަމުން ނެގީ ފެންނަ ނުފެންނަ ވޯޓެވެ. ފާތިމަތު ސަމީރު އެ މަގާމަށް އިންތިހާބު ކުރުމަށް ފެންނަ ކަމަށް 7،640 މީހަކު ވޯޓް ދިނެވެ. އެ މަގާމަށް އޭނާ އިންތިހާބު ކުރަން ނުފެންނަ ކަމަށް 4،496 މީހަކު ވޯޓް ދިނެވެ.

ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 19،234 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 12،167 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 7،067 ވޯޓް ގުނާފައިވެއެވެ.

ޒުވާނުންގެ ހިތްވަރުގެ ރައީސާގެ މަގާމަށް ކުރިމަތިލެއްވީ މުހައްމަދު އަންސާރު އާއި ރިފްގާ ޝިޔާމް އެވެ. މި އިންތިހާބު ކާމިޔާބު ކުރެއްވީ ރިފްގާ އެވެ. އޭނާއަށް 6،300 ވޯޓް ލިބިފައިވެއެވެ. އަންސާރަށް ލިބިފައިވަނީ 5،569 ވޯޓެވެ. 13،082 މެންބަރުން ވޯޓްލީ މި އިންތިހާބުގައި 1،254 ވޯޓަކީ ބާތިލް ވޯޓެވެ. ސައްހަ ވޯޓްގެ އަދަދަކީ 11،828 ވޯޓެވެ.

ޒުވާނުންގެ ހިތްވަރުގެ ނާއިބު ރައީސްގެ މަގާމަށް އިންތިހާބުވީ އަހުމަދު މައިމޫން އެކަންޏެވެ. ފެންނަ ނުފެންނަ ވޯޓްގައި އޭނާއަށް 8،052 ވޯޓް ލިބުނެވެ. އޭނާއާ ދެކޮޅަށް 1،813 މީހަކު ވޯޓް ލިއެވެ. މި އިންތިހާބުގައި 12،424 މީހަކު ވޯޓްލީއިރު 2،592 ވޯޓް ބާތިލެވެ.

އެމްޑީޕީގެ ސެކްރެޓޭރިއޭޓުން މިއަދު ވަނީ ވަގުތީ ނަތީޖާ އިއުލާނުކޮށް އިންތިހާބުވީ މެންބަރުންނަށް މަރުހަބާ ވިދާޅުވެފައެވެ.