އެމްޑީޕީގެ މެންބަރުން ގުޅިގެން ކުރިއަށް ދިއުމަށް އެ ޕާޓީގެ އައު ޗެއާޕާސަން ފައްޔާޒު އިސްމާއީލް (ފައްޔަ) އެދިވަޑައިގެންފި އެވެ.
ފައްޔާޒު މިކަމަށް އެދިވަޑައިގެންނެވީ ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގެ ކެމްޕެއިންގައި މަސައްކަތް ކުރެއްވި ޓީމުތަކާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ފައްޔާޒު ވަނީ ވަރުގަދަ ކެމްޕެއިން ކުރައްވާފައެވެ. މިއީ އެތެރޭގެ އިންތިހާބެއްގައި މި ފެންވަރުގެ ކެމްޕެއިނެއް ހިންގެވި ފުރަތަމަ ފަހަރެވެ.
ފައްޔާޒު ވަނީ ކެމްޕެއިންގައި ދިމާވި ކަންކަމާއި ގުޅޭގޮތުން މެންބަރުންނާއި މަޝްވަރާ ކުރައްވާ ދިމާވި މައްސަލަތައް ހައްލު ކުރެއްވުމަށް އެދިވަޑަައިގެންފައެވެ. އަދި ޕާޓީގެ މެންބަރުން އެއްކޮށް ގުޅިގެން ކުރިއަށް ދިއުމަށް އިލްްތިމާސް ކުރެއްވިއެވެ.
ހޮނިހިރު ދުވަހު އޮތް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން މި އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް ލިބިވަޑައިގެންފައިވަނީ 27،163 ވޯޓެވެ. ފައްޔާޒު އާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަށް ލިބިވަޑައިގަތީ 19،980 ވޯޓެވެ.
މި އިންތިހާބުގައި 48،107 މީހަކު ވަނީ ވޯޓްލާފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 47،143 ވޯޓެވެ. ބާތިލު ވޯޓްގެ ގޮތުގައި 964 ވޯޓް ގުނާފައިވެއެވެ.
އެމްޑީޕީން ވަނީ ހުރިހާ ދާއިރާތަކުން ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓްގެ ތަފްސީލުވެސް އާންމުކޮށްފައެވެ. މާލެ ސިޓީން ފައްޔާޒަށް ކުރި ލިބުނީ ތިން ދާއިރާއިންނެވެ. އެއީ ހުޅުމާލެ ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އެވެ. އެހެން ހުރިހާ ދާއިރާއަކުން ކުރި ހޯއްދެވީ އިމްތިޔާޒު ފަހްމީ އެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ވޯޓްގެ ފަރަގު ވަރަށް ކުޑައެވެ.
އްޑޫ ސިޓީގެ ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާ އިން މެޖޯރިޓީ ހޯއްދެވީ ފައްޔާޒެވެ. އިމްތިޔާޒަށް ކުރި ހޯއްދެވީ ދެ ދާއިރާއިންނެވެ. އެއީ މަރަދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އެވެ.
ފުވައްމުލަކު ސިޓީގެ ދެ ދާއިރާ އިމްތިޔާޒު ކާމިޔާބު ކުރެއްވިއެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އެވެ. ފައްޔާޒަށް މެޖޯރިޓީ ލިބިފައިވަނީ ފުވައްމުލަކު މެދު ދާއިރާއިންނެވެ.
ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ފައްޔާޒެވެ. އެ ދާއިރާއިން ފައްޔާޒު ވަނީ 408 ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 166 ވޯޓެވެ. ކުޅުދުއްފުށި ދެކުނު ދާއިރާ އިން 192 ވޯޓާއެކު ކުރި ހޯއްދެވީ އިމްތިޔާޒެވެ. ފައްޔާޒަށް ލިބިފައިވަނީ 127 ވޯޓެވެ.