ފައްޔާޒް އިސްމާއީލް

އެމްޑީޕީ ރޫޅާލިޔަކަ ނުދޭނަން: ފައްޔާޒު

އެމްޑީޕީ އުވާލުމަކީ ރައީސް މުހައްމަދު ނަޝީދުގެ ހުވަފެނަކަށްވީ ނަމަވެސް އެކަން ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.

ދަ ޑިމޮކްރެޓްސްއަށް އެމަނިކުފާނު ސޮއިކުރެއްވުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވަނީ އެ ޕާޓީ ރޫޅާލާނެކަމުގެ އިންޒާރު ތަކުރާރުކޮށް ދެއްވާފަ އެވެ.

"އަޅުގަނޑު ދަންނަވާނަން އެމްޑީޕީގެ ހުރިހާ މެންބަރުންނަށް އިރާދަކުރެއްވިއްޔާ އަޅުގަނޑު ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލާނަން. ރޫޅާލަނަން. ތިކެޔޮގަނޑުގެ ފޫވަށް ވެއްޓިއްޖެ. ތިޕާޓީ އަޅުގަނޑުމެން ރޫޅާލާނަން،" އާޓިފިޝަލް ބީޗްގައި ޑިމޮކްރެޓުންނާ އެކު ބޭއްވި ޖަލްސާގައި ނަޝީދު ވިދާޅުވި އެވެ.

އެމްޑީޕީގައި ތިއްބެވި ރައީސް ނަޝީދުގެ ރަހްމަތްތެރިންނަށް އެމަނިކުފާނު ދެންނެވީ "މިހާރު ތިތިއްބެވީ ގޯސްތަނުގައި" ކަމަށެވެ. ވަޒީފާއެއްގެ ބޭނުމަށް، ނުވަތަ ލިބޭ ލޯނެއްގެ ބޭނުމަށް އެބޭފުޅުން ގަބޫލުކުރައްވަމުން ގެންދެވި ގޮތް މިހާރު ދޫވަމުންދާ ކަމުގައިވެސް ވިދާޅުވި އެވެ.

"މާއްދީ ތަނަވަސް ކަމަކަށް ގޮތް ދޫކޮށްނުލައްވާށޭ. އެ އަނބުރައެއް ނުލިބޭނެއޭ. އެސްއެމްއީ ބޭންކަކުން ނުލިބޭނެއޭ ތިމާގެ އުސޫލެއް. ލޯނެއް ލިބިދާނެއޭ. ދަރަންޏެއް ބޮލުގައި އެޅިދާނެ. ތެދުވެރި ދިރިއުޅުމެއް އެއީ އަކީ ބޭންކަކުން އަދި ލިބޭ ލޯނަކުން ވާކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކަތަކަށް ރައްދުދެއްވާ އެމްޑީޕީގެ މެންބަރުން ތިއްބަވާ ގުރޫޕަކަށް ފައްޔާޒު މިއަދު ފޮނުއްވި މެސެޖެއްގައި ވިދާޅުވީ ޑިމޮކްރެޓްސް ނަމުގައި ޕާޓީ އުފައްދައި އެ ޕާޓީގެ ހަމައެކަނި ސިޔާސަތަކީ ނަފްރަތު އުފެއްދުން ކަމަށްވާނަމަ އެކަން ކުރަން ޕާޓީ ހެދިދާނެ ކަމަށެވެ. ނަމަވެސް އެމްޑީޕީ ފުނޑާލުމަކީ ހުވަފެނެއް ކަމަށްވީ ނަމަވެސް އެކަން ނުކުރެވޭނެ ކަމުގައި ވިދާޅުވި އެވެ.

ފައްޔާޒު ވިދާޅުވީ ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުން ހިތަށް ތަދުވި ނަމަވެސް އެމްޑީޕީއާ ދޭތެރޭ ނަޝީދުގެ އޮތީ ޒާތީ މައްސަލައެއް ކަމަށް އެ ވާހަކަފުޅުން އެނގޭ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ވާހަކަފުޅަކީ ވަރަށް ނާތަހުޒީބު ވާހަކަފުޅެއް ކަމަށް ސިފަކުރެއްވި އެވެ.

"އެކަން އެހެންވިޔަ ނުވެސް ދޭނަން, ނުވެސް ވާނެ," ފައްޔާޒް ވިދާޅުވި އެވެ.

އެމްޑީޕީގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުންތަކެއް އިސްވެ ތިބެ އުފައްދާފައިވާ ދަ ޑިމޮކްރެޓްސް އިން ގެންދަނީ އެމްޑީޕީއާއި ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.