ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވުމާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ އިސް ބައެއް ބޭފުޅުން އެކަން ދޮގުކުރައްވައިފި އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ މިއަދުގެ ބައްދަލުވުމަށްފަހު މިނިސްޓަރު ފައްޔާޒު ވިދާޅުވީ އެމްޑީޕީއާ އެކު ކޯލިޝަން ހެދުމަށް ރައީސް ނަޝީދު ހިމެނޭހެން މަޝްވަރާތަކެއް ކުރިއަށް ގެންދާ ކަމަށެވެ.
ރައީސް ނަޝީދުގެ ފަރާތްޕުޅުން އެއްވެސް ހުށަހެޅުމެއް ލިބިވަޑައިގެންފައި ނުވާ ކަމަށްވެސް ފައްޔާޒު ވިދާޅުވި އެވެ. އަދި ރައީސް ނަޝީދާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ސިޔާސީ މަސައްކަތް ކުރެވޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި އޮތް ޕާސަނަލް މައްސަލަތަކާ ގުޅިގެން އަޅުގަނޑު ގަބޫލެއް ނުކުރަން އެއްވެސް ބޭފުޅަކު ގައުމުގެ މުސްތުބަލް ނަގާލާނެ ކަމަކަށް،" ފައްޔާޒް ވިދާޅުވި އެވެ.
ފައްޔާޒު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވަރަށް ގިނަ ބަޔަކު ވޯޓުލާން ނުނިކުތުމަކީ ރައީސް ސޯލިހަށް ވޯޓު މަދުވި އެއް ސަބަބު ކަމަށެވެ. އަދި ދެވަނަ ބުރަކަށް ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރި ކަމުގައިވެސް ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އަދި ރައީސް ނަޝީދާ ވާހަކަދައްކަވަމުން ގެންދަވާ ކަމަށް ފައްޔާޒު ވިދާޅުވުމާ ގުޅިގެން ޑިމޮކްރެޓުންގެ ބައެއް އިސް ބޭފުޅުން ވަނީ އެ ވާހަކަތައް ދޮގުކުރައްވާފަ އެވެ. ފައްޔާޒު ވިދާޅުވާ ފަދަ މަޝްވަރާއެއް އެމްޑީޕީއާ އެކު އަދި މިހާތަނަށް ކުރިއަށް ނުދާ ކަމަށްވެސް އެބޭފުޅުން ވިދާޅުވި އެވެ.
ދަ ޑިމޮކްރެޓްސް އިން އެމްޑީޕީއާ އެކު ކުރިއަށްދާން ނިންމި ނަމަވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ވޯޓު ނުދޭނެ ކަމަށް ޑިމޮކްރެޓުންގެ ބައެއް އާންމުންވެސް ގެންދަނީ ބުނަމުންނެވެ.