ފައްޔާޒް އިސްމާއީލް

ފަޔާގެ ވަރުގަދަ އިންޒާރު ޕީޕީއެމްއާއި ޑިމޮކްރެޓުންނަށް

އިދިކޮޅު މައި ޕާޓީ -- ޕީޕީއެމް އަށާއި އެމްޑީޕީން ވަކިވެގެން ދިޔަ ބޭފުޅުން އުފައްދަވާފައިވާ ދަ ޑިމޮކްރެޓްސްއަށް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވަރުގަދަ އިންޒާރެއް ދެއްވައިފި އެވެ.

ފުވައްމުލަކުގައި މިރޭ ބޭއްވި ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ފައްޔާޒު ވިދާޅުވީ ރައީސް ސޯލިހަކީ ވައުދެއް ވެވަޑައިގެންފިނަމަ އެ ވައުދެއް ފުއްދަވާނެ ލީޑަރެއް ކަން އެންމެންނަށް އެނގޭ ކަމަށެވެ. ނަމަވެސް ރައީސް ސޯލިހާ ހިޔާލުތަފާތުވާ މީހުންނަށް ވެގެން އުޅޭ ގޮތަކީ ރައީސް ސޯލިހް ވައުދު ފުއްދަވާތީ "ޝުކުރުކުރަން ނޭނގިގެން" އުޅެނީ ކަމަށެވެ. އެހެންވެގެން އުޅެނީ ހިތުގައި އޮތް ނަފްރަތެއްގެ ސަބަބުން ކަމުގައި ވިދާޅުވި އެވެ.

ފުވައްމުލަކުން އެންމެ ގިނަ ވޯޓު ހޯދާ ކެންޑިޑޭޓަކަށް ރައީސް ސޯލިހް ނުވާނެ ކަމަށް ބުނެ ބައެއް ބޭފުޅުން ދައްކަވާ ވާހަކަތަކަށްވެސް ފައްޔާޒު ވަނީ ރައްދުދެއްވާފަ އެވެ.

"އަޅުގަނޑުމެންނާ ދިމާލަށް ބައެއް ބޭފުޅުން ވިދާޅުވޭ ފުވައްމުލަކުން އަޅުގަނޑުމެން ދާނީ ޗޮކަށޭ. މިއަދު މިފެނުނު މަންޒަރާއި މިތަނުން މިފެންނަ މަންޒަރާއި ރޭގަނޑު މެންދަމު ވެގެންދާއިރު ތިބޭފުޅުން މިތަނުގައި ތިތިއްބެވި ކަމުން އަޅުގަނޑު ހިތަށް އަރަނީ ފުވައްމުލަކު އަޅުގަނޑުމެންނަށް މިވަރުވެއްޖިއްޔާމު ދެން މުޅި ރާއްޖޭގައި އަޅުގަނޑުމެން އޮންނާނީ ކިހާ ހިސާބެއްގައި ބާވައޭ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހް އެއްބުރުން ބޮޑު އަގުލަބިއްޔަތަކުން ރިޔާސީ ދެވަނަ ދައުރެއް ކާމިޔާބު ކުރައްވާނެ ކަމަށެވެ. އެއަށްފަހު ޕީޕީއެމްގެ ނަން ވިދާޅުވެ ފައްޔާޒު ވަނީ އެ ޕާޓީއަށް ނަސޭހަތެއް ދެއްވަން އޮތް ކަމަށް ވިދާޅުވެފަ އެވެ. އެގޮތުން އެމްޑީޕީގެ ކެމްްޕޭނަށް ހުރަސް ނޭޅުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި އެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާތީ ޕީޕީއެމް އިން ކެންޑިޑޭޓެއް ދެއްކެވުމަށް ފައްޔާޒު ގޮވާލެއްވި އެވެ.

"ރައީސް އަކީ ވަރަށް ހިތްތިރި ބޭފުޅެއް. އަޅުގަނޑުމެންނަކީ އެހާ ހިތްތިރި ބައެއް ނޫން. އަޅުގަނޑުމެންގެ ކެމްޕޭނަށް ތާއަބަދު އެގޮތަށް ހުރަސްއަޅާ ކަމަށްވަންޏާމު ދިވެހިރާއްޖޭގެ އެންމެ ރަށެއްގައިވެސް އެބޭފުޅުންނަށް ކެމްޕޭނެއް ނުކުރެވޭނެ. އެކަން ހުއްޓާލަން އަޅުގަނޑުމެން މިހާރުން މިހާރަށް އެބޭފުޅުންނަށް މިދަންނަވަނީ. ކެމްޕޭން ކުރައްވާށޭ. އަޅުގަނޑުމެންގެ ކެމްޕޭނަށް ހުރަސް ނާޅުއްވާށޭ،" ފައްޔާޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް އިން އުޅެނީ އިންތިހާބުގައި ވާދަކޮށް ރައީސް ސޯލިހާ "ޗެލެންޖުކުރަން ނުކެރިގެން" ކަމަށެވެ. އެހެންވެ ގައުމުގައި ބިރުވެރިކަން އޮތް ކަން ދައްކަން ތަފާތު މަންޒަރުތައް ޕީޕީއެމް އިން ދައްކަނީ ކަމުގައިވެސް ވިދާޅުވި އެވެ.

"އެހެން ނަހައްދަވާ. އެއްވެސް ބިރުވެރިކަމެއް މިއަދު މިގައުމަކު ނެތް. އަޅުގަނޑުމެން 2018ގައި އެބޭފުޅުންގެ ވެރިކަމުގައި އިންތިހާބުކުރަންޖެހުނީ ނުހަނު ބިރުވެރިކަމާއި ވާނެ ގޮތެއް ނޭނގި ކޮންމެ ދުވަހަކު މަގުމައްޗަށް ނިކުންނަނީ. މިއަދު އެބޭފުޅުން އެ ނިކުންނަވަނީ އެކަހަލަ އެއްވެސް ބިރުވެރިކަމެއް ނެތި. އެހެންވީމާ ކެމްޕޭން ކުރައްވާ. އަޅުގަނޑުމެންގެ ކެމްޕޭނަށް ހުރަސްނާޅުއްވާ." ރައީސް ޔާމީނާއި ރައީސް ސޯލިހްގެ ވެރިކަމުގެ ތަފާތުތައް ހިއްސާކުރައްވާ ވިދާޅުވި އެވެ.

ޕީޕީއެމްއަށް އިންޒާރު ދެއްވުމަށްފަހު ފައްޔާޒު ދެން ރައްދުދެއްވާ އިންޒާރު ދެއްވީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސް ދައުރެއް އަދާކުރައްވަމުން ގެންދަވާ ދަ ޑިމޮކްރެޓްސް އަށެވެ. އެމްޑީޕީގެ އަޒުމު މިހާރު ބަލިކަށިވެ އެ އޮޑި ދަނީ ފެތެން ކަމަށާއި އެމްޑީޕީ ރޫޅާލާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ދެއްވި އިންޒާރަށް ފައްޔާޒު ވަނީ ވަރުގަދައަށް ރައްދުދެއްވާފަ އެވެ.

"އަޅުގަނޑުމެން ރޫޅައެއްވެސް ނުލެވޭނެ. އަޅުގަނޑުމެން ރޫޅައެއް ނުލެވޭނެ. އެބޭފުޅުން ވެސް ކުރަންވީ ކަމަކީ ބާތިލް ވޯޓަށް ވުރެ ގިނައިން ލިބޭތޯ މަސައްކަތް ކުރަންވީ. ރީތިކޮށް ކެމްޕޭން ކުރަންވީ. އަޅުގަނޑުމެންނަށް ދޮގު ފާޑުފާޑުގެ ވާހަކަ ދައްކައިގެން މީހުންގެ ބޮލަށް އެރެން މަސައްކަތް ނުކުރައްވާ. ރީތި ކެމްޕޭނެއް ކުރައްވާ،" ފައްޔާޒު ވިދާޅުވި އެވެ.