ފައްޔާޒް އިސްމާއީލް

ފައްޔާޒު އާކުރެއްވީ ކުރީގެ ހަނދާންތައް

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު މިއަދު އޮމާންކަމާ އެކު ކުރިއަށް ދިއުމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމްޑީޕީގެ އެތެރޭގެ އިންތިހާބުތަކަށް ހުރަސް އެޅި ހަނދާންތައް އެމްޑީޕީގެ ޗެއާޕާސަން އަދި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާކުރައްވައިފި އެވެ.

މާލެ އާއި ބައެއް ރަށްތަކުގައި ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބު ކުރިއަށް ގެންދިޔައީ މިއަދު ހެނދުނު 10:00 އިން ހަވީރު 4:00 އަށެވެ.

ޕީއެމްގެ ދާއިރާތަކުގެ އިންތިހާބު އޮމާންކަމާ އެކު ކުރިއަށް ދިއުމާ ގުޅިގެން ފައްޔާޒު މިއަދު ވަނީ ޕީޕީއެމްއަށް މަރުހަބާ ވިދާޅުވެފަ އެވެ.

ފައްޔާޒު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ މިފަދަ ހަރަކާތްތަކަށް މިއަދުގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ފުލުހުން ފޮނުވައިގެން ނުހުއްޓުވާ ކަމަށެވެ. އެއީ ރާއްޖޭގައި މިހާރު ސިޔާސީ މިނިވަންކަން އޮތް ކަމުގެ ހެއްކެއް ކަމަށްވެސް ވިދާޅުވި އެވެ.

އޭގެފަހުގައި ފައްޔާޒު ވިދާޅުވީ މީގެ ފަސް އަހަރު ކުރިން މަންޒަރު ކިތަންމެހާވެސް ތަފާތު ކަމަށާއި ވޯޓުފޮށި ބަލައި އޭރު އައީ ފުލުހުން ކަމަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އެމްޑީޕީން ބޭއްވި އިންތިހާބުތަކަށާއި ވަރަށް ގިނަ އެއްވުންތަކަށް ފުލުހުން ފޮނުވައިގެން ހުރަސް އަޅާފައިވެ އެވެ. އަދި އޭރު އޮތް އެއްވުމެއްގެ ތެރެއިން މިނިސްޓަރު ފައްޔާޒު ޖަލަށްލައިގެން ވެސް ދުވަސްކޮޅަކު ގެންގުޅެފައިވެ އެވެ.

ޕީޕީއެމްގެ ދާއިރާތަކުގެ އިންތިހާބުގައި ރައްޔިތުންގެ މަޖިލީހުގައި ހިމެނޭ ގޮތަށް ދާއިރާތައް ބަހައިގެން 87 ދާއިރައަށް އެކި މަގާމުތަކަށް މެންބަރުން ހޮވާފައިވެ އެވެ.