އެމްޑީޕީ

ދާއިމީ ނަތީޖާ އިއުލާނުކޮށްފި، ފައްޔާޒަށް 27،406 އިމްތިޔާޒަށް 20،217 ވޯޓް

އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް މިދިޔަ ހޮނިހިރު ދުވަހު ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނު ކޮށްފި އެވެ.

ނަތީޖާ ދައްކާގޮތުން މި އިންތިހާބު ކާމިޔާބު ކުރައްވާ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް (ފައްޔަ) އަށް ލިބިވަޑައިގެންފައިވަނީ 27،406 ވޯޓެވެ. ފައްޔާޒު އާއި ވާދަކުރެއްވި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީ (އިންތި) އަށް ލިބިވަޑައިގަތީ 20،217 ވޯޓެވެ.

ވޯޓްލީ މީހުންގެ 58 ޕަސެންޓް ވޯޓާއެކު ޗެެއާޕާސަންގެ މަގާމަށް ވަޑައިގެންނެވީ ފައްޔާޒެވެ. އިމްތިޔާޒަށް ލިބިފައިވަނީ 42 ޕަސެންޓް ވޯޓެވެ.

މިއީ އެމްޑީޕީން އިއުލާނުކުރި ވަގުތީ ނަތީޖާއާ ތަފާތު އަދަދެކެވެ. ކޮންމެ ބޭފުޅަކަށް ތިންސަތޭކައެއްހާ ވޯޓް އިތުރުވެފައިވެއެވެ.

މި އިންތިހާބުގައި 48،583 މީހަކު ވަނީ ވޯޓްލާފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 47،623 ވޯޓެވެ. ބާތިލު ވޯޓްގެ ގޮތުގައި 960 ވޯޓް ގުނާފައިވެއެވެ.

އެމްޑީޕީން ވަނީ ހުރިހާ ދާއިރާތަކުން ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓްގެ ތަފްސީލުވެސް އާންމުކޮށްފައެވެ. މާލެ ސިޓީން ފައްޔާޒަށް ކުރި ލިބުނީ ތިން ދާއިރާއިންނެވެ. އެއީ ހުޅުމާލެ ދާއިރާ އާއި ހެންވޭރު ދެކުނު ދާއިރާ އާއި މާފަންނު ހުޅަނގު ދާއިރާ އެވެ. އެހެން ހުރިހާ ދާއިރާއަކުން ކުރި ހޯއްދެވީ އިމްތިޔާޒު ފަހްމީ އެވެ. ނަމަވެސް ބައެއް ދާއިރާތަކުގައި ވޯޓްގެ ފަރަގު ވަރަށް ކުޑައެވެ.

އައްޑޫ ސިޓީގެ ހަތް ދާއިރާގެ ތެރެއިން ފަސް ދާއިރާ އިން މެޖޯރިޓީ ހޯއްދެވީ ފައްޔާޒެވެ. އިމްތިޔާޒަށް ކުރި ހޯއްދެވީ ދެ ދާއިރާއިންނެވެ. އެއީ މަރަދޫ ދާއިރާ އާއި ހިތަދޫ މެދު ދާއިރާ އެވެ.

ފުވައްމުލަކު ސިޓީގެ ދެ ދާއިރާ އިމްތިޔާޒު ކާމިޔާބު ކުރެއްވިއެވެ. އެއީ ފުވައްމުލަކު އުތުރު ދާއިރާ އާއި ފުވައްމުލަކު ދެކުނު ދާއިރާ އެވެ. ފައްޔާޒަށް މެޖޯރިޓީ ލިބިފައިވަނީ ފުވައްމުލަކު މެދު ދާއިރާއިންނެވެ.

ކުޅުދުއްފުށި ސިޓީ އުތުރު ދާއިރާ ބޮޑު ތަފާތަކުން ކާމިޔާބު ކުރެއްވީ ފައްޔާޒެވެ. އެ ދާއިރާއިން ފައްޔާޒު ވަނީ 408 ވޯޓް ހޯއްދަވާފައެވެ. އިމްތިޔާޒަށް ލިބިވަޑައިގަތީ 166 ވޯޓެވެ. ކުޅުދުއްފުށި ދެކުނު ދާއިރާ އިން 192 ވޯޓާއެކު ކުރި ހޯއްދެވީ އިމްތިޔާޒެވެ. ފައްޔާޒަށް ލިބިފައިވަނީ 127 ވޯޓެވެ.

އެމްޑީޕީގެ އަންހެނުންގެ ރޫހުގެ ރައީސާ ކަމަށް އިންތިހާބުވެފައިވަނީ އައްޑޫ ސިޓީ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ. ރޮޒައިނާ ވަނީ 11،754 ވޯޓް ހޯއްދަވާފައެވެ. އެއީ ވޯޓްލީ މީހުންގެ 60 ޕަސެންޓް ވޯޓެވެ. މި އިންތިހާބުގައި ރޮޒައިނާ ނިކުންނެވީ ޗެއާޕާސަން ކަމަށް ވަޑައިގެންނެވި ފައްޔާޒު އިސްމާއީލްގެ "ހިންގާލަން" ޓީމާއެކުގައެވެ.

ރޮޒައިނާއާ ވާދަކުރެއްވި އެމްޑީޕީގެ ޒުވާނުންގެ ގޮފީގެ މެންބަރު ސަފާތު އަހުމަދު ޒާހިރަށް ލިބިފައިވަނީ 7،847 ވޯޓެވެ. މިއީ ވޯޓްލީ މީހުންގެ 40 ޕަސެންޓް ވޯޓެވެ.

މި އިންތިހާބުގައި 20،768 މީހަކު ވަނީ ވޯޓް ދީފައެވެ. ސައްހަ ވޯޓްގެ އަދަދަކީ 19،601 އެވެ. ބާތިލް ވޯޓްގެ ގޮތުގައި 1167 ވޯޓް ގުނާފައިވެއެވެ.