އެޗްއާރްސީއެމް

ހުޅުމާލޭ ޑިޓެންޝަންގެ ހާލަތު ބަލައިފި

Mar 31, 2022
1

ހުޅުމާލޭ ޖަލާއި ޑިޓެންޝަން ސެންޓަރުގެ ހާލަތު އެޗްއާރްސީއެމުން ބަލައިފި އެވެ. އެޗްއާރްސީއެމުން އެ ތަންތަނަށް ދިޔައީ އިއްޔެ އާއި މިއަދު އެވެ.

އެއީ ޖަލާއި ޑިޓެންޝަން ސެންޓަރުގެ ހާލަތު ބަލާށާއި ޑިޓެންޝަންގައި ތިބޭ ބިދޭސީންނާ ދޭތެރޭ އަނިޔާވެރި، ލާއިންސާނީ އަމަލެއް ހިންގާތޯ ބެލުމުގެ ދަތުރެކެވެ. މީގެއިތުރުން ޑިޓެންޝަން ސެންޓަރާއި ހުޅުމާލެ ޖަލުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އާންމު ހާލަތު ދެނެގަތުމާއި ވަޒީފާ އަދާ ކުރުމުގައި މުވައްޒަފުންނަށް އޮތް ގޮންޖެހުންތައް ވެސް ބެލި އެވެ.

އެޗްއާރްސީއެމް އިން ބުނީ ވަގުތުން ވަގުތަށް އިސްލާހު ކުރަންޖެހޭ ކަމެއް ނަމަ އެކަން، ކަމާ ގުޅޭ އިދާރާތަކުގެ ސަމާލުކަމަށް ގެންނާނެ ކަމަށެވެ. އަދި ރިޕޯޓެއް ތައްޔާރުކޮށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާއި ގުޅޭ އެހެން އިދާރާތަކަށް ފޮނުވާނެ ކަމަށެވެ.

ހުޅުމާލެ ޑިޓެންޝަން ސެންޓަރަށް އެޗްއާރްސީއެމުން އެންމެ ފަހުން ދިޔައީ 2019 ވަނަ އަހަރު އެވެ.