ހަބަރު

ޔާސިރުގެ މަރާ ގުޅިގެން ސަރުކާރަށް އިންޒާރެއް

Aug 6, 2020
4

ދިވެއްސަކާ އިނދެ ރާއްޖޭގައި ދިރިއުޅުމެއް ފަށައިގެން އުޅެނިކޮށް ޓެރަރިޒަމްގެ ބޮޑެތި ތުހުމަތަކެއް ކޮށް ހައްޔަރު ކޮށްފައި ހުއްޓާ ޔަމަންގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަހުޔާގެ މަރާ ގުޅިގެން، ސީރިއާގައި ހަނގުރާމަ ކުރަމުންދާ ދިވެހިންތަކެއް ހިންގާ ބިލާދް އަލް ޝާމް މީޑިއާ ގްރޫޕުން ސަރުކާރަށް އިންޒާރުދީފި އެވެ.

ބިލާދް އަލް ޝާމް މީޑިއާއިން އާއްމު ކޮށްފައިވާ ބަޔާނުގައި ބުނީ، ޔާސިރާ މެދު ސަރުކާރުން އަމަލު ކޮށްފައި ވަނީ ވަރަށް ނިކަމެތިކޮށް ކަމަށެވެ.

އަދި ތިން އަހަރުވަން ދެން އެއްވެސް ދައުވާ އެއް ނުކޮށް ޝަރީއަތް ކުރުމެއް ނެތި ޔާސިރު ބަންދު ކޮށްފައި ބެހެއްޓުމަކީ އިސްލާމް ދީން ދަސްކޮށްދީފައިވާ ކަންތައްތަކާއި ގާނޫނުތަކާއި ހިލާފު ކަމެއް ކަމަށެވެ.

އެ ގުރޫޕުން އިތުރަށް ބުނީ ޖުޑީޝަރީ އިސްލާހު ކުރުމާއި އިންސާފުގެ ނަމުގައި ސިޔާސީ ފަރާތްތަކުން ކުޅެމުންދާ ގޭމުތަކަށް ރައްޔިތުން ހޭލައި، ވިސްނަންޖެހޭ ކަމަށެވެ.

"ކޮރަޕްޝަނުން ފޯވެފައިވާ ސަރުކާރުތަކުން ބާރު ދީގެން، މައުސޫމު ރައްޔިތުންގެ ފުރާނަތައް ގެއްލުވާލަމުންދާ ބޭއިންސާފުގެ ސިލްސިލާ ނިމުމަކަށް ގެންނަން ޖެހޭ،" ބިލާދް އަލް ޝާމް މީޑިއާއިން ބުނެފައިވެ އެވެ.

ޔާސިރު މަރުވީ މި މަހު ދެ ވަނަ ދުވަހު ހާލު ސީރިއަސް ވެގެން ފަރުވާ ދެމުން ދަނިކޮށެވެ. އުމުރުން 45 އަހަރުގެ ޔާސިރު އިއްޔެ ވަޅުލާފައިވަނީ މަރުވިތާ ތިން ދުވަސް ފަހުންނެވެ.

ޔާސިރުގެ މަރާ ގުޅިގެން ކަރެކްޝަނާއި އިމިގްރޭޝަން އާއި ފުލުހުން ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ އޭނާ މަރުވީ ހާލު ދެރަވުމުން އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްގެން ފަރުވާދެމުން ދަނިކޮށް، ސްޓްރޯކެއް ޖެހިގެން ކަމަށެވެ. ދެހާސް ސަތާރަ ވަނަ އަހަރުން ފެށިގެން ހުޅުމާލެ ޑިޓެންޝަން ސެންޓަރުގައި ބަންދު ކޮށްފައި ހުރި ޔާސިރު ވަނީ މީގެ ކުރިން ބަނޑުހައިހޫނުކަމުގެ ހަޅުތާލުތައް ވެސް ކޮށްފަ އެވެ.

އޭނާއަކީ ރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއް ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޓެރަރިސްޓު ހަމަލާތައް ދެމުން އަންނަ އަލްގައިދާ ޖަމާއަތާއި ގުޅުން އޮންނަ އެ ޖަމާއަތުގެ އިސް ދައުރެއް އަދާކުރަމުންދިޔަ މީހެއް ކަމަށްވެސް މި ސަރުކާރުން ވަނީ ބުނެފަ އެވެ. ނަމަވެސް ދުނިޔޭގެ އެއްވެސް ގައުމަކުން ވެސް އަދި މިޑިއާގައި ވެސް އެވާހަކަ އައިސްފައެއް ނުވެއެވެ.

ތުހުމަތުތަކަށް ޔާސިރުގެ އާއިލާ އިން ވަނީ ދޮގުކޮށްފަ އެވެ. އާއިލާގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނީ، ޔާސިރަށް ސަރުކާރުން ކުރި ތުހުމަތުތަކުގައި އެއްވެސް ހަގީގަތެއް ނެތް އިރު އެ ތުހުމަތުތަކާ ގުޅިގެން އާއިލާއާ ވެސް ސުވާލެއް ކޮށްފައި ނުވާ ކަމަށެވެ. އަދި އޭނާއަކީ ޓެރަރިސްޓެއް ކަމަށް ދޭހަވާ ގޮތަށް ތުހުމަތެއް އެޅުވުމަކީ އިންސާނީ ކަރާމާތާ ހިލާފު ކަމެއް ކަމަށެވެ.