ސީރިޔާ

ސީރިއާ ހަނގުރާމައިގައި ދިވެއްސަކު މަރުވެއްޖެ

ސީރިއާގެ ހަނގުރާމައިގައި އަނެއްކާވެސް ދިވެއްސަކު މަރުވެއްޖެ އެވެ.

ދިވެހި ފިރިހެނަކު ސީރިއާ ހަނގުރާމައިގައި މަރުވެފައިވާ ކަމަށް ސޯޝަލް މީޑިއާގެ ޕޭޖެއްގައި ބުނެފައިވެ އެވެ. އެ ޕޯސްޓުގައި މަރުވި މީހާގެ ފޮޓޯވެސް ވަނީ އާންމުކޮށްފަ އެވެ. ޕޯސްޓްގައި ބުނެފައިވާ ގޮތުން އޭނާ މަރުވީ އިދުލީބްގެ "ފްރޮންޓްލައިނެއް ދިފާއުކުރުމުގައި" އުޅެނިކޮށެވެ.

ޕޯސްޓްގައި ބުނެފައިވާ ގޮތުގަައި އޭނާ މަރުވީ އިދުލީބްގެ ޖަބަލުއް ޒަވިއްޔާ ނަމަކަށް ކިޔާ ސަރަހައްދުގަ އެވެ. މަރުވިމީހާ އަކީ ކޮން ރަށެއްގެ ކާކުކަން އަދި ސާފެއް ނުވެ އެވެ. ހަނގުރާމަވެރިންގެ މައުލޫމާތު ފަތުރާ މީހުން އޭނާއަށް ދީފައިވާ ނަމަކީ "އަބޫ އަބްދުއްރަހްމާން" އެވެ. އަދި "އަބޫ ހަޖަރު" ނަމުން ވެސް އެ ޕޯސްޓްގައި އޭނާއަށް މުހާތަބުކޮށްފައިވެ އެވެ.

ހަނގުރާމަ ކުރުމަށް ރާއްޖޭން ސީރިއާއަށް ގޮސް އުޅޭ މީހުން ގުޅިގެން އުޅެނީ، އެނގިފައިވާ ގޮތުގައި މައިގަނޑު ދެ ޖަމާއަތަކާ އެވެ. އެއީ އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ޖަބުހަތުއް ނުސްރާ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު މަރުވި މީހާގެ މައުލޫމާތު އާއްމުކޮށްފައި ވަނީ "ބިލާދުއް ޝާމް"ގެ ނަމުގައި މައުލޫމާތު ފަތުރާ މީހުން ކަަމަށް ވާތީ މަރުވި މީހާ ހަނގުރާމަ ކުރަމުން ދިޔައީ ބެލެވޭ ގޮތުގައި ޖަބުހަތުއް ނުސްރާއާ ގުޅިގެންނެވެ.

މިކަމާ ގުޅޭގޮތުން ހޯ މްމިނިސްޓްރީން ބުނީ ސީރިއާގައި ހަނގުރާމަ ކުރަނިކޮށް ދިވެއްސަކު މަރުވެފައިވާ ކަމުގެ މައުލޫމާތު އަދި ނުލިބޭ ކަމަށެވެ. ފުލުހުންގެ އިދާރާއިން ވެސް މިކަމާ ގުޅޭގޮތުން އަދި ޖަވާބެއް ނުދެ އެވެ.

ސީރިއާ ހަނގުރާމައިގައި ބައިވެރިވާން ރާއްޖޭން ދިޔަ އެތައް ބަޔަކު ވަނީ ހަނގުރާމައިގައި މަރުވެފަ އެވެ. އެ މީހުންގެ އަނބިދަރިންގެ ތެރެއިން ބައެއް މީހުން އެ ގައުމުގައި ހާލުގައި ޖެހިފައި އެބަތިއްބެވެ. ސަރުކާރުން ވަނީ އެފަދަ އާއިލާއެއް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ބުނެފަ އެވެ.