ޓެރަރިޒަމް

ރިހިބިލިޓޭޝަން ގަވާއިދަށް އަމަލު ކުރަން ފަށައިފި

Jan 5, 2022

ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، ރިހިބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގާ ގަވާއިދަށް އަމަލު ކުރަން ފަށައިފި އެވެ.

މި ގަވައިދުގެ ދަށުން، ރިހިބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަން ޕްރޮގްރާމްތައް ހިންގާނީ ޓެރަރިޒަމްގެ އަމަލުތަކަށް ހުށަހެޅިފައި ނުވަތަ އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް މީހުންނަށެވެ.

ގަވާއިދު ބުނާގޮތުގައި، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށް ޕްރޮގްރާމްތައް ހިންގަން ޖެހޭނީ ރިހިބިލިޓޭޝަން އަދި ރީ-އިންޓެގްރޭޝަން ކޮމިޓީއަކުންނެވެ. މި ކޮމިޓީ ހިންގާނީ ހޯމް މިނިސްޓްރީންނެވެ. އަދި ޕްރޮގްރާމްތައް ހިންގާނީ އެމީހުން ބަންދުކޮށްފައި ތިބި ތަނެއްގަ އެވެ.

މި ޕްރޮގްރާމްތައް އިދާރީ ބަންދުގައި ތިބޭ ބޮޑެތި މީހުނާއި ކުޑަކުދިންނަށް އަދި ކުށުގެ ތުހުމަތުގައި ބަންދުކުރާ މީހުންނަށް ހިންގަން ޖެހެ އެވެ. އަދި މޮނީޓާކޮށް ކޮންޓްރޯލް ކުރުމުގެ އަމުރު ނެރެފައިވާ މީހުންނާއި ކުށް ސާބިތުވެ، ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް ވެސް މިފަދަ ޕްރޮގްރާމްތައް ހިންގުމަށް ގަވާއިދުގައި ކަނޑައަޅާފައިވެ އެވެ.

މި ޕްރޮގްރާމްތައް ހިންގަން ޖެހެނީ ގިންތި ކޮށްގެންނެވެ. އެގޮތުން ހަރުކަށި ފިކުރާއި، އެ ފިކުރުގެ އަމަލުތަކުން ދުރުކުރުމުގެ މަރުހަލާގައި ވަކި ޕްރޮގްރާމްތަކެއް ހިންގަން ޖެހެ އެވެ. ހަރުކަށި ފިކުރުގެ ސަބަބުން އެމީހުންނަށް ލިބިފައިވާ ނަފްސާނީ ގެއްލުމަށް ފަރުވާ ދިނުމަށް ވަކި މަރުހަލާއެއްގައި ޕްރޮގްރާމްތައް ހިންގަން ޖެހެ އެވެ.

މީގެ އިތުރުން އެމީހުން އަނބުރާ މުޖުތަމައަށް ނެރުމަށް ތައްޔާރުކުރުމުގެ ގޮތުން ޕްރޮގްރާމްތައް ހިންގަން ޖެހޭ ކަމަށް ގަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ޓެރަރިޒަމްގެ މައްސަލައަކީ ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށް ކަމާ ގުޅުންހުރި އިދާރާތަކުން މީގެ ކުރިން ވަނީ ބުނެފަ އެވެ. ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންގެ ތެރޭގައި ހަރުކަށި ފިކުރު ފެތުރުމާއި ޖަލު ތެރެއިން، ޖަލުން ބޭރުގައި ތިބޭ މީހުންނާއި ގުޅިގެން ޓެރިރިޒަމްގެ އަމަލުތައް ހިންގަން މަސައްކަތްކުރުން ފަދަ މައްސަލަތައް މީގެ ކުރިން ފެންމަތިވެފައިވެ އެވެ. އަދި އެފަދަ މީހުން ދެނެގަތުމަށް ޖަލުގައި އޮޕަރޭޝަންތައް ވެސް ހިންގަ އެވެ.