ހަނގުރާމައަށް ގޮސް 100 އެއްހާ ދިވެހިން އެކި ގައުމުތަކުގައި ތިބިއިރު މީގެތެރެއިން 90 އަށް ވުރެ ގިނަ ދިވެހިން ރާއްޖެ އަންނަން ބޭނުންވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެއްޖެ އެވެ.
އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި މި 90 މީހުންނަކީ އެކި ގޮތްގޮތުން މުވާސަލާތު ކުރެވި ރާއްޖެ އަންނަން ބޭނުންވެގެން އެދިފައިވާ މީހުން ކަމަށެވެ. އެހެންވެ އެ މީހުންނަކީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި ވިދާޅުވި އެވެ.
"މިހާރު މި ގެންދިޔަ ޕްރޮސެސްގައި ބައެއް މީހުންނަށް ލިބިފައިވާ ދަރިން އެއީ ދިވެހިންކަން ކަށަވަރު ކުރުމުގެ މަސައްކަތްތައް މިހާރުވެސް މިދަނީ ކުރަމުން،" އިހުސާން ވިދާޅުވި އެވެ
މިނިސްޓަރު ވިދާޅުވީ ހަނގުރާމައަށް ގޮސްގެން އުޅެނިކޮށް މިއަދު ރާއްޖެ ގެނައި 21 ދިވެހިންނަކީ ވެސް ޑީއެންއޭ ޓެސްޓެއް ހަދައި އިޑެންޓިޓީ ކަށަވަރުކުރުމަށްފަހު ރާއްޖެ ގެނެސްފައިވާ ބައެއް ކަމަށެވެ.
"އެހެން ބޭފުޅުން އަދި މިދަނީ ހަަމަ ތިބި ތަނާ ބެހޭ މައުލޫމާތު ހޯދައި ކޮންޓެކްޓް އެސްޓާބްލިޝްކުރުމުގެ މަސައްކަތް ކުރަމުން،" އިހުސާން ވިދާޅުވި އެވެ.
މިނިސްޓަރު ވަނީ ހަނގުރާމައަށް ދިޔަ ދިވެހިންގެ ތެރޭގައި ކުޑަކުދިން ގިނަ ކަމަށާއި އެ ކުދިން އެތަނަށް ގެންދިޔައީ އެ ކުދިންގެ މައިންބަފައިން ކަމަށްވާތީ އެ ކުދިން އެއީ ކުށްވެރިންގެ ގޮތުގައި ނުދެކުމަށް މުޖުތަމައުގެ ކިބައިން އެދިވަޑައިގެންފަ އެވެ. އަދި އެ ކުދިންގެ ޕްރައިވަސީ ރާއްކާތެރިކުރުމުގެ މަސައްކަތް ކުރުމުގައި އެހީތެރިކަން ދިނުމަށްވެސް އެދިވަޑައިގެންފައިވެ އެވެ.
"ތަނަކުން ބައެއްގެ ނަން ޖަހާފައިވާ ލިސްޓެއް ފެންނައިރަށް އަޅުގަނޑުމެން އެންމެ އެ ސޯޝަލް މީޑިއާއަށް ޝެއާ ކުރުން ފަދަ ކަންކަން ކުރުމުން އާހިރު ނަތީޖާއަކީ މި ދެންނެވި ކުދިންނަށް މުސްތަގުބަލުގައި އެތަކެއް އަނިޔާތަކެއް އެ ދެވެނީ،" އިހްސާން ވިދާޅުވި އެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ ރާއްޖެ އަންނަން ބޭނުންވާ 90 މީހުންނާ ބެހޭ ގޮތުން އަދި ލިބިފައި ވަނީ ވަރަށް މަދު މައުލޫމާތު ތަކެއް ކަމަށެވެ. އަދި އެފަދަ މީހުންނާ މުއާމަލާތު ކުރުމުގައި ވަރަށް ބޮޑަށް ދަތިވާ ކަންތައްތަކެއް ހުރި ކަމުގައިވެސް ވިދާޅުވި އެވެ.