މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

ހަނގުރާމަވެރި ސަރަހައްދުތަކުން 21 ދިވެހިން ރާއްޖެ ގެނެސްފި

ހަނގުރާމަވެރި ސަރަހައްދުތަކުން ފަސް އާއިލާއަކަށް ނިސްބަތްވާ 21 ދިވެހިން ރާއްޖެ މިއަދު ގެނެސްފި އެވެ.

އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވި ގޮތުގައި މިއަދު ރާއްޖެ ގެނައި ދިވެހިންގެ ތެރޭގައި ފަސް އަންހެނުންނާއި ފިރިހެނަކާއި 15 ކުޑަކުދިން ހިމެނެ އެވެ.

މިނިސްޓަރު އިހުސާން ވިދާޅުވި ގޮތުގައި އެ މީހުން ރާއްޖެ ގެނެސްފައިވަނީ ދިވެހިންކަން ކަށަވަރުކުރުމަށްފަހު އެވެ.

"ޑީއެންއޭ ޓެސްޓްގެ ޒަރިއްޔާއިން ވަނީ އެއީ ދިވެހިންކަން ކަށަވަރުކޮށްފަ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ މީހުން ރާއްޖެ ގެނައުމަށް ހާއްސަ ފްލައިޓެއް 15 މީހުންގެ ޓީމަކާއެކު ތުރުކީއަށް ފުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ.

އެ ޓީމްގައި މެޑިކަލް ޕްރޮފެޝަނަލުންނާއި ސެކިއުރިޓީ ބަލަހައްޓާ އޮފިޝަލުންނާއި ސައިކޮލޮޖިކަލް ސަޕޯޓް ދޭ މީހުންގެ އިތުރުން ފުލުހުންގެ އިންޓެލިޖެންސް އަދި ތަހުގީގުގައި މަސައްކަތްކުރާ މީހުން ހިމެނޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

ހަނގުރާމަވެރި ސަރަހައްދުތަކުން މިއަދު ގެނެވުނު މީހުންގެ އާންމު ހާލަތު ރަނގަޅު ކަމަށް މެޑިކަލް ޕްރޮފެޝަނަލުން ބުނެފައިވާ ކަމަށާއި އެ މީހުން މުޖުތަމައުއަށް ދޫކޮށްލާނީ ކ. ހިންމަފުށީގައި ގާއިމުކޮށްފައިވާ ނެޝަނަލް ރީއިންޓަގްރޭޝަން ސެންޓަރުގައި ރިހެބިލިޓޭޓްކުރުމަށްފަހު ކަމަށެވެ.

"އަޅުގަނޑުމެން ހަދާ އެސެސްމަންޓްތަކުގެ ޒަރިއްޔާއިން އަޅުގަނޑުމެން ދެނެގަންނާނަން ކޮން ހާލަތެއްގައިތޯ އެ މީހުން ތިބީ،" އިހުސާން ވިދާޅުވި އެވެ.

އިހުސާން ވިދާޅުވީ އެއަށްފަހު ކުރިއަށް ގެންދާނެ ރިހެބިލިޓޭޝަން ޕްރޮގްރާމެއް ތައްޔާރުކުރާނެ ކަމަށާއި ޕްރޮގްރާމްތައް ކުރިއަށް ގެންދާނީ ރިހެބިލިޓޭޝަން އަދި ރީއިންޓަގްރޭޝަން ކޮމިޓީން އެޕްރޫވްކުރުމުން ކަމަށެވެ. އަދި އެ މީހުންގެ ފަރާތުން މުޖުތަމައުއަށް ބިރުވެރިކަމެއް ނޯންނާނެކަން ކަށަވަރުކުރާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޔަގީންކަން އަރުވަން ދިވެހި މުޖުތަމައުއަށް އަދި ދިވެހިރާއްޖޭގެ އެއްވެސް ރައްޔިތަކަށް އަޅުގަނޑުމެން އަނބުރާ މި ގެންނަ ދިވެހި ރައްޔިތެއްގެ ފަރާތުން އެއްވެސް ކަހަލަ ބިރުވެރިކަމެއް ނޯންނާނެކަން އަޅުގަނޑުމެން ކަށަވަރުކުރާނަން،" އިހުސާން ވިދާޅުވި އެވެ.