ސަލްމާން ރަސްގެފާނު މިސްކިތް

ސަލްމާން މިސްކިތުގައި ތިބޭނީ މަރުކަޒުގެ އިމާމުން

ކިންގް ސަލްމާން މިސްކިތްގައި މިއަދުގެ ހުކުރު ނަމާދާއެެކު ޖަމާއަތުގެ ނަމާދު ކުރަން ފަށާއިރު އެ މިސްކިތުގައި އިމާމުންގެ ގޮތުގައި ތިބޭނީ އިސްލާމީ މަރުކަޒުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އަވަސް އިން ރޭ ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ ސަލްމާން މިސްކިތުގައި އިމާމުންގެ ގޮތުގައި މިވަގުތު ތިއްބަވާނީ އިސްލާމީ މަރުކަޒުގެ އިމާމުންގެ ގޮތުގައި މަސައްކަތް ކުރައްވާ ބޭފުޅުން ކަމަށެވެ. ނަމަވެސް އެއީ ވަގުތީ އިންތިޒާމެއް ކަމަށް ވިދާޅުވި އެވެ.

އެ ގޮތުން ޝައިހް ނަސްރުﷲ އަލީ އާއި ޝައިހް އިބްރާހިމް ރަޝީދު ސަލްމާން މިސްކިތުގައި އިމާމުވެ ނަމާދު ކުރައްވާނެ އެވެ.

"އިސްލާމީ މަރުކަޒުގެ އިމާމުންގެ ގޮތުގައި ތިއްބެވި ދެ ބޭފުޅުންނާއެކު އަޅުގަނޑުމެން މި ވަގުތު ސަލްމާން މިސްކިތް މެނޭޖް ކުރަމުން ގެންދާނީ. ނަމަވެސް އެއީ ވަގުތީ އިންތިޒާމެއް،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތަށް ހާއްސަ އިމާމުންނާއި މަސައްކަތު މީހުން ހަމަޖައްސަވާނެ ކަމަށެވެ. އަދި ރޯދަ މަހަށް ތަރާވީސް ނަމާދު ކުރުމަށް ބޭރުން ހާފިޒެއް ގެންނަވާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ސަލްމާން މިސްކިތުގައި ފުރަތަމަ ކުރާ ހުކުރު ނަމާދު އިމާމުވެ ކުރައްވާނީ އައްޝައިހް އިލްޔާސް ހުސައިން ކަމަށެވެ. އަދި މާދަމާއިން ފެށިގެން އެ މިސްކިތުގައި ޖަމާއަތުގައި ނަމާދު ކުރަމުން ގެންދާނެ ކަމަށެވެ. ޖަމާއަތުގެ ނަމާދަށް މިސްކިތުގެ ދެ ބައެއް ހުޅުވާލަން ނިންމާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ. އެއީ މިސްކިތުގެ ފުރަތަމަ ފަންގިފިލާ އާއި ދެވަނަ ފަންގިފިލާ އެވެ.

ސަލްމާން މިސްކިތަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ސައުދީ ސަރުކާރުގެ އެހީގައި ބިނާ ކޮށްފައިވާ މިސްކިތެކެވެ. ގާތްގަނޑަކަށް 24 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 370 މިލިއަން ރުފިޔާ) ހަރަދު ކޮށްގެން ބިނާ ކޮށްފައިވާ ފަސްބުރީގެ ސަލްމާން މިސްކިތުގައި އެއް ފަހަރާ 10،000 އެއްހާ މީހުންނަށް ނަމާދު ކުރެވޭނެ އެވެ. އެ މިސްކިތުގެ ފުރަތަަމަ ދެ ފަންގިފިލާ ނަމާދު ކުރަން ހާއްސަކޮށްފައިވާ އިރު ތިނެއް އަދި ހަތަރު ވަނަ ފަންގިފިލާ ބޭނުން ކުރާނީ އޮޑިޓޯރިއަމްއެއްގެ ގޮތުގަ އެވެ. އަދި ފަސްވަނަ ފަންގިފިލާގައި މަލްޓި ޕާޕަސް ބޮޑު ހޯލެއް ހިމެނޭ އިރު އެކި އެކި އިވެންޓްތައް އެތަނުގައި ބޭއްވެ އެވެ.

އެތަނަށް ބޭނުންވާ އިތުރު ފަރުނީޗަރު ހޯދުމަށް ސައުދީ ސަރުކާރުން ދެ މިލިއަން ޑޮލަރުގެ އެހީ ދޭނެ ކަމަށް މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. މިނިސްޓަރު ޒާހިރު ވިދާޅުވި ގޮތުގައި އެ ފައިސާ އަދި ހަމަނުޖެހުނު ނަމަވެސް، އެފައިސާ ވަރަށް އަވަހަށް ހަމަޖެހިގެންދާނެ ކަމަށް ވިދާޅުވި އެވެ.

ތުރުކީގެ ޓާމެކްސް ކުންފުންޏާ ހަވާލު ކޮށްގެން ހެދި ސަލްމާން މިސްކިތުގެ މަސައްކަތް ނިންމައި އެ މިސްކިތް ސަރުކާރާ ހަވާލުކުރީ 2020 ވަނަ އަހަރުގެ ކުރީކޮޅު އެވެ.