އީރާނާއެކު ނިއުކްލިއާ އެއްބަސްވުމެއް ހެދުމަކުން އިޒްރޭލުގެ ދެ އަތާއި ދެފައި ބަނދެވިގެން ނުދާނެ ކަމަށް އެމެރިކާއިން އިޒްރޭލަށް ކަނޑަ އަޅުއްވާފައި ހުންނަވާ ސަފީރު ވިދާޅުވެއްޖެ އެވެ.
އެމެރިކާ އާއި އީރާނަށް އެއްބަސްވުމަކާ ހަމައަށް ދެވިއްޖެ ނަމަ ސަފީރު ވިދާޅުވި ގޮތުގައި އިޒްރޭލަށް ވުރެ ބޮޑު ފައިދާއެއް އެެހެން ގައުމަކަށް ނުކުރާނެ އެވެ.
އޭނާ އަދި ވިދާޅުވީ އެމެރިކާ އާއި އީރާނުން ނިއުކްލިއާ އެއްބަސްވުމެއް ގާއިމުކުރަން ކުރަމުން ގެންދާ މަޝްވަރާތައް ކޮޅެއްގައި ނުޖެހި ފޭލިވި ނަމަ ވެސް އެންމެ ބޮޑު ފައިދާއެއް ކުރާނެ ގައުމަކީ އިޒްރޭލު ކަމަށެވެ.
އެމެރިކާ ސަފީރު ވިދާޅުވީ ގޮތުގައި އިޒްރޭލު ތާއަބަދު ކުސްތެޅުން ރަނގަޅެއް ނޫނެވެ. އިޒްރޭލަކީ ހަތިޔާރާއި ކަނޑިއާއި ބަޑިއަށް ބަލާއިރު ގޮތް ހުސްވާ ވަރުގެ ގައުމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލް ބުނާ ގޮތުން އިރާނާއެކު އެމެރިކާ ނިއުކްލިއާ އެއްބަސްވުމެއް ހަދައިފި ނަމަ އެއީ ނިއުކްލިއާ ބޮމެއް އުފައްދަން އިރާނަށް ލިބޭ ހިތްވަރެެކެވެ. އަދި އީރާނުން އެބޮން ބޭނުން ކުރާނީ އިޒްރޭލު އަންދާލަން ކަމަށް ވެސް އިޒްރޭލު ދެކެ އެވެ.
އީރާނުން ނިއުކްލިއާ ހަތިޔާރު އުފައްދަން މަސައްކަތް ކުރާ ކަމަށް ބުނެ ސާބިތު ނުވާ އުޒުރުތަކެއް ދައްކައި އިޒްރޭލުން ކިތަންމެ ފަހަރަކު މިހާރު ވެސް ވަނީ އީރާނަށް އެތައް ގެއްލުމެއް ދީފަ އެވެ.
އީރާންގެ ނިއުކްލިއާ މަރުކަޒުތަކަށް ސައިބާ ހަމަލާ ދިނުމާއި ޖާސޫސުން މެދުވެރިކޮށް އީރާންގެ ލިޔެކިޔުންތައް ވަގަށް ނެގުން ހިމެނެ އެވެ. އަދި އީރާންގެ ނިއުކްލިއާ ސައިންސްވެރިންނަށް ހަމާލާދީ ވަނީ މަރާފަ އެވެ.
އިޒްރޭލު ބުނާ ގޮތުން އިޒްރޭލަށް ކަމުނުދާ ޒާތުގެ އެއްބަސްވުމެއް އެމެރިކާ އާއި އީރާނުން ހަދައިފި ނަމަ އިޒްރޭލު އެކަނިމާއެކަނި ނަމަވެސ އީރާނަށް ހަމަލާ ދޭނެ އެވެ.
އިޒްރޭލަށް ހަމަލާ ދިނުމަކީ އީރާން ދެކޭ ހުވަފެނެއް ކަމަށް އިޒްރޭލު ބުނެ އެެވެ. އެ ހުވަފެން ހަގީގަތަށް ހެދުމުގައި އެމެރިކާދެ ދައުރާ މެދު އިޒްރޭލު ވަރަށް ކަންބޮޑުވާ ކަމަށް ވެސް އެމީހުން ބުނެ އެވެ.