ސައޫދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒްގެ ހަރަދުގައި އެޅި ސަލްމާން މިސްކިތްގައި ރޭގެ ފަތިސް ނަމާދު ކުރިއިރު ކަރަންޓް ނެތީ ލައިޓްތަކުގެ ކޮންޓްރޯލް ރޫމް ހުޅުވަން މުވައްޒަފަށް ނުދެވުމުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މި ރޯދާ މަހާ ދިމާކޮށް އިއްްޔެ ހުކުރު ނަމާދުން ފެށިގެން ސަލްމާން މިސްކިތުގައި ދަނީ ޖަމާއަތުގެ ނަމާދުތައް ކުރަމުންނެވެ. ނަމަވެސް ރޭގެ ފަތިސް ނަމާދު ކޮށްފައި ވަނީ ކަނު އަނދިރީގަ އެވެ. އެކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަވަސްއަށް ވިދާޅުވީ ސަލްމާން މިސްކިތުގެ ލައިޓް ސިސްޓަމް އޮޕަރޭޓް ކުރަނީ ކޮންޕިއުޓަރައިޒްކޮށް ކަމަށް ވުމުން ކޮންމެ ވަގުތަކަށް މުވައްޒަފުން ލައިޓް ސިސްޓަމް އޮން ކުރަން ޖެހޭ ކަމަށެވެ. ރޭ ގެ ފަތިސް ނަމާދު ވަގުތު ލައިޓްތައް ނުދިއްލި ހުރީ ކޮންޓްރޯލް ރޫމާއި ހަވާލުވެ ހުރި މުވައްޒަފަށް ނުދެވިގެން ކަމަށެވެ.
"ކޮންޓްރޯލް ރޫމް ތަޅުލާފައި ހުރުމުން އެހެން ގޮތަކަށް ވެސް ލައިޓްތައް ޖެއްސޭ ގޮތް ނުވީ،"
އޮފިޝަލް ވިދާޅުވީ މުވައްޒިފު ގޮސްގެން މިސްކިތުގެ ލައިޓް ސިސްޓަމް ބޭނުން ކުރެވޭ ވަރުވީ ހެނދުނު ހައެއް ޖަހަނިކޮށް ކަމަށެވެ. އެ ސިސްޓަމަކީ ޝެޑިއުލް ވެސް ކުރެވޭ ގޮތަށް ހުރި ސިސްޓަމެއް ކަމުން ކުރިއަށް އޮތްތާ އެފަދަ އެއްވެސް މައްސަލައެއް ދިމާ ނުވާނެ ގޮތަށް ކަންކަން އިންތިޒާމު ކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.
"ދެން އެފަދަ މައްސަލައެއް ދިމާނުވާނެ ގޮތަށް އިންތިޒާމުތައް ހަމަޖައްސަމުން މި ދަނީ. ޝެޑިއުލް ކުރުމުގެ އިތުުރުން މޮނިޓާ ކުރަން އަބަދުވެސް މުވައްޒިފަކު ހުންނާނެ އިންތިޒާމު ހަމަޖައްސާނަން،"
ސަލްމާން މިސްކިތް އިއްޔެ ހުޅުވީވެސް އެ މިސްކިތުގެ ނަމާދު ކުރާ ބައި ނިމިފައިވާތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުންނެވެ. މިސްކިތް ނުހުޅުވި ފަސްވާތީވެސް ވަރަށް ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވިއެވެ.
ބައެއް މީހުން ބުނާ ގޮތުން މިއީ ރައީސް ޔާމީންގެ ސަރުކާރުން ފެށި މަސައްކަތަށްވުމުން މިސްކިތް ހުޅުވާ ބޭނުން ކުރަން ސަރުކާރުން މާބޮޑު ސަމާލު ކަމެއް ނުދިނީ އެވެ. ނަަމަވެސް މިނިސްޓްރީން އެކަން ދޮގު ކުރެއެވެ. މިނިސްޓްރީން ފުރަތަމަ ބުނީ މިސްކިތް ހުޅުވުން ލަސްވަނީ މުޅީން ފުރިހަމަކުރުމަށް ފަހު ހުޅުވާން ހަމަޖެހިފައި އޮތުމުންނެވެ. މުޅި އިމާރާތް ނިމުން ލަސްވަމުން ދިޔައީ ފައިސާގެ ދަތިކަމާ ހުރެއެވެ. ފަހުން ބުނީ މިސްކިތް ހުޅުވުން ލަސްވަނީ ސައުދީގެ ޓީމެއް ރާއްޖެ އައިސް އެކަން ކުރަން ޖެހޭތީ ކަމަށެވެ.