ކީރިތި ގުރުއާން

ދެވަނަ ބުރަށް ނަބީހް ހޮވިއްޖެ

ދުބާއީ އިންޓަނޭޝަނަލް ހޯލީ ގުރްއާން ކޮމްޕެޓިޝަން 2022 ގައި ރާއްޖެ ތަމްސީލުކުރަމުންދާ އަލްހާފިޡް އަހްމަދު ނަބީހް މުބާރާތުގެ ދެވަނަ ބުރަށް ހޮވިއްޖެ އެވެ.

މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދުބާއީގައި ކުރިއަށްދާ މި މުބާރާތާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ނަބީހްގެ މި ކާމިޔާބީއަކީ ރާއްޖެ ފަހުރުވެރިވާ ފަދަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ނަބީހް އަކީ ކީރިތި ގުރުއާން ކިޔެވުމުގެ އެކި މުބާރާތްތަކުގައި ގައުމީ ފެންވަރުގެ ގިނަ ކާމިޔާބީތަކެއް ހާސިލުކުރައްވާފައިވާ ދަރިވަރެކެވެ. ނަމަވެސް ނަބީހުއަކީ ވަރަށް ލަސްލަހުން އުނދަގުލާއެކު މެނުވީ ވާހަކަ ނުދެއްކޭ އަދި ހާއްސަ އެހީއަށް ބޭނުންވާ ދަރިވަރެކެވެ. އަކުރުތައް ފާޅުކުރުމާއި އަޑު ނެރުމުގައިވެސް އުނދަގޫތައް ތަހައްމަލްކުރާ ދަރިވަރެކެވެ. ނަމަވެސް ގުރުއާން ކިޔަވަން ބޭނުންވުމާއެކު ވަރަށް ފަސޭހަކަމާއެކު އަޑު ނެރެ އަކުރުތައް މަހުރަޖުން ކިޔަވައެވެ.

ދުނިޔޭގެ މަޝްހޫރު ގާރީން ކިޔަވާގޮތަށް ގުރްއާން ކިޔެވުމާއި ރީތި ރާގުރާގަށް ބަންގި ގޮވުމަކީ ނަބީހް އެންމެ ކުރާހިތްވާ ކަމެވެ. އޭނާގެ ހުވެފަނަކީ ރާއްޖޭގެ މިސްކިތެއްގައި އިމާމްވެ ތަރާވީހް ނަމާދު ކުރުމެވެ. އަދި އެންމެ އަދާކުރާ ހިތްވާ ވަޒީފާއަކީ އިމާމްކަމާއި މުއައްޛިން ކަން ކަމަށް ނަބީހު ބުންޏެވެ.