މޯލްޑިވްސް ޕޮލިސް ސާވިސް

ޕޮލިސް ކޮލެޖްގައި ކިޔަވައިދޭން ފަށައިފި

Apr 5, 2022

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓް (ޕޮލިސް ކޮލެޖް) ގައި ކިޔަވައިދޭން ފަށައިފި އެވެ.

ދިވެހި ފުލުހުންގެ ހިދުމަތުން މިރޭ ބުނީ އެ ކޮލެޖުގައި ކިޔެވުން ފެށި ފުރަތަމަ ކޯހަކީ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކަމަށެވެ. މި ކޯހުގެ ކިޔެވުން ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓްގައި މިއަދު ފަށާފައިވާއިރު ކިޔެވުން ފަށާފައިވަނީ އެކޯހުގެ ދެވަނަ މޮޑިއުލް ކަމަށްވާ ކްރިމިނޮލޮޖީ މޮޑިއުލްއެވެ.

ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގެ ހަތަރު ވަނަ ބުރު އައްޑޫ ސިޓީގައި ފަށާފައިވަނީ މި އަހަރުގެ ޖަނަވަރީ މަހުގެ 23 ވަނަ ދުވަހުއެވެ. އެކޯހުގެ ކިޔެވުން ވަގުތީ ގޮތުން ކުރިއަށް ގެންގޮސްފައިވަނީ އައްޑޫ ސިޓީގައި ހުންނަ އެމްއެންޔޫ ކެމްޕަހުގައެވެ. އެ ކެމްޕަހުގައި ކުރިއަށް ގެންގޮސްފައިވަނީ ކޯހުގެ ފުރަތަމަ މޮޑިއުލް އެވެ.

އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ޑިޕްލޮމާ އިން ކްރިމިނަލް އިންވެސްޓިގޭޝަން ކޯހުގައި އެކަޑަމިކް ރައިޓިން އާއި ލޯ އެންޑް ހިއުމަން ރައިޓްސް އާއި ކްރިމިނޮލޮޖީ އަދި ކްރިމިނަލް ޖަސްޓިސް ސިސްޓަމާއި އިންޓެވިސްޓިގޭޝަން ސްޕެސިފިކް ކްރައިމްސް އާއި އިންވެސްޓިގޭޝަން މެނޭޖްމަންޓް ފަދަ ތަހުގީގާ ގުޅުންހުރި މޮޑިއުލްތައް ކިޔަވައިދިނުމަށްވަނީ ހަމަޖެހިފައެވެ.

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިން އެންޑް ލޯ އެންފޯސްމަންޓުން ފަރުމާކޮށްގެން އިންވެސްޓިގޭޝަން އޮފިސަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މި ކޯހުގައި ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ގައި ހިމެނޭ ތ އަދި ލ. އަތޮޅުގައި މަސައްކަތް ކުރާ ފުލުހުންނާއި ސައުތު ޕޮލިސް ރީޖަންގައި ހިމެނޭ ގއ އާއި ގދ. އަތޮޅާއި އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި މަސައްކަ ތްކުރާ ފުލުހުންގެ ތެރެއިން 27 އިންވެސްޓިގޭޝަން އޮފިސަރުން ބައިވެރިވެ އެވެ.