ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ރާއްޖެއަށް ބޭނުންވާ ވަރަށް ތެޔޮ އެތެރެކޮށް ސަޕްލައި ނުކުރެވޭތީ ރާއްޖޭގެ އިގްތިސޯދު ހުއްޓި ދާނެތީ ކަންބޮޑުވުން ފާޅުކޮށް މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާ އަށް ކުއްލި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު ޕީޕީއެމްގެ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް އެވެ.
ކުއްލި މައްސަލަ ބަލައިގަތުމާ މެދު މެންބަރުން ފެނިވަޑައިގަންނަވާ ގޮތަކަށް ވޯޓު ދެއްވުމަށް ރިޔާސަތުން ހުޅުވާލުމުން މައްސަލަ ބަލައިގަތުމަށް ވޯޓު ދެއްވީ ނުވަ މެންބަރުންންނެވެ. މައްސަލަ ބަލައިގަތުމާ ދެކޮޅަށް 44 މެންބަރުން ވޯޓު ދިނުމާ އެކު ކުއްލި މައްސަލަ ވަނީ މަޖިލީހުން ބޭރުކޮށްލާފަ އެވެ.
ކުއްލި މައްސަލައިގައި ބުނެފައިވަނީ ރާއްޖެ އަށް ތެޔޮ އެތެރެކުރުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި -- އެފްއެސްއެމް އަށް ތެޔޮ އެތެރެ ނުކުރެވި ބައެއް ރަށްތަކުގެ ތެޔޮ ހުސްވެ ޒަރޫރީ ބޭނުންތަކަށް ވެސް ތެޔޮ ލިބުން ދަތިވެފައިވާ ކަމަށެވެ. މަސްވެރިންނަށާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ އުޅަނދުތަކަށް ތެޔޮ ލިބުން ދަތިވެ އިގްތިސޯދު ހުއްޓިދާނެ ކަމަށް ބުނެފައިވެ އެވެ.
މައްސަލައިގައި ވަނީ އެފްއެސްއެމް އިން ބައެއް އަމިއްލަ ކުންފުނިތަކަށް ތެޔޮ ފޯރުކޮށްދިނުމުގައި ތަފާތުކުރުން ގެންގުޅެ، އެފްއެސްއެމްގެ ވެރިންނާ ގުޅުން އޮންނަ ފަރާތްތަކަށް އެކަނި ތެޔޮ ފޯރުކޮށްދީ ވިޔަފާރީގެ ވާދަވެރިކަން ނައްތާލަން މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތުކޮށްފައިވެ އެވެ. އެހެންވެ އެކަމުގެ ޝަކުވާ ވިޔަފާރިވެރިންގެ ފަރާތުން ލިބެމުންދާ ކަމަށްވެސް
"ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަ ލޮޅުންތަކަށް ފާރަވެރިވެ ދިވެހިރާއްޖެ އަށް ބޭނުންވާ ތެލުގެ ބާވަތްތައް ދުރާލާ ތައްޔާރުވެ ރާއްޖެ އެތެރެކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް ގޮވާލަން،" ކުއްލި މައްސަލައިގައިވެ އެވެ.
މެންބަރު ހުސައިން ހުށަހެޅުއްވި ކުއްލި މައްސަލައިގައި އެފްއެސްއެމް އަކީ ރާއްޖެ އަށް ތެޔޮ އެތެރެކުރާ ކުންފުންޏެއް ކަމަށް ވިދާޅުވެފައިވީ ނަމަވެސް އެ ކުންފުންޏަކީ އެކަން ކުރާ ކުންފުންޏެއް ނޫނެވެ. އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި -- އެފްއެސްއެމް އަކީ އެސްޓީއޯ އިން ރާއްޖެ އަށް ތެޔޮ އެތެރެކުރުމުން ތެޔޮ މުޅި ރާއްޖެއަށް ސަޕްލައި ކޮށްދިނުމަށް ހަރަކާތްތެރިވާ ކުންފުންޏެކެވެ.