ބާ ކައުންސިލް

ވަކީލުންގެ ދަފްތަރެެއް އެކުލަވާލަނީ

ރާއްޖޭގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންގެ ދަފްތަރެއް އެކުލަވައިލުމަށްޓަކައި، ގާނޫނީ ވަކީލުން ރަޖިސްޓްރީވާން ބާ ކައުންސިލުން ހުޅުވާލައިފި އެވެ.

ބާ ކައުންސިލުން ބުނި ގޮތުގައި ގާނޫނީ ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ސައްހަ މައުލޫމާތު ހިމެނޭ ދަފްތަރެއް އޮތުން މުހިންމުވަނީ، ގާނޫނީ ހިދުމަތް ހޯދާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށެވެ. އަދި މީގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުން ގާނޫނީ ވަކީލުންގެ އެހީ ބޭނުންވާ މީހުންނަށް ފަސޭހަކަމާއެކު އެކަމުގެ މަގު ތަނަވަސްކޮށްދީ، "އެކްސެސް ޓު ޖަސްޓިސް" އަށް މަގުފަހިކޮށްދިނުމަށް ކަމަށެވެ.

މި ދަފްތަރުގައި، ލީގަލް ޕްރެކްޓިސްތަކުގައި މަސައްކަތްކުރާ ގާނޫނީ ވަކީލުންނާއި ލޯ ފާމްތަކުގައި މަސައްކަތްކުރާ ގާނޫނީ ވަކީލުން ރަޖިސްޓަރީވާން ވަނީ ހުޅުވައިލައިފަ އެވެ. އަދި ދައުލަތުގެ ހުރިހާ ވަކީލުންނާއި ކުންފުނިތަކާއި ކޯޕަރޭޝަންތަކުގައި އިން-ހައުސް ލީގަލް ކައުންސެލުންގެ ގޮތުގައި މަސައްކަތްކުރާ ވަކީލުންނާއި، ހިލޭ ސާބަހަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާތަކުގައި ވަކީލުކަން ކުރާ ފަރާތްތައް ވެސް މި ދަފްތަރުގައި ރަޖިސްޓްރީ ވެވޭނެ އެވެ.

މި ދަފްތަރު އެކުލަވައިލުމަށްފަހު ޝަރުއީ ކޯޓުތަކާއި، ޓްރިބިއުނަލްތަކާއި އެހެނިހެން ހިދުމަތް ފޯރުކޮށްދޭ އިދާރާތަކުންނާއި އަދި ހިދުމަތް ލިބިގަންނަ ފަރާތްތަކުން ގާނޫނީ ވަކީލުންގެ މައުލޫމާތު ހޯދުމަށް ބޭނުންކުރާނީ މި ދަފްތަރު ކަމަށް ބާ ކައުންސިލުން ވަނީ ބުނެފަ އެވެ.

ގާނޫނީ ވަކީލުންގެ ދަފްތަރުގައި ރެޖިސްޓްރީވުމަށް ބާ ކައުންސިލުން ހުޅުވާލައިފައި ވަނީ އަންނަ މޭ މަހުގެ 21 ވަނަ ދުވަހު ނިޔަލަށެވެ.