ބާ ކައުންސިލް

ބާ ކައުންސިލްގެ ހިދުމަތްތަކަށް ނަގާނެ ފީ އިއުލާނުކޮށްފި

ގާނޫނީ ވަކީލުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކަށް ބާ ކައުންސިލުން ދޭ ހިދުމަތްތަކަށް އަންނަ އަހަރުން ފެށިގެން ނަގާނެ ފީތައް މިއަދު އިއުލާނުކޮށްފި އެވެ.

ފީތަކެއް ނެގުމަށް ބާ ކައުންސިލުން ނިންމީ، ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް ކަނޑައަޅާފައިވާ އާމްދަނީން ކައުންސިލުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެވޭތީ އާމްދަނީ އިތުރުކުރުމުގެ ގޮތުންނެވެ. މިގޮތުން އެ ކައުންސިލުން ވަނީ ފީތަކާއި މެދު ހިޔާލު ހުށަހެޅުމުގެ ފުރުސަތު ވެސް މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފަ އެވެ.

މި ފީތައް ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ.

ބާ ކައުންސިލުން ނަގަން ހަމެޖެހިފައިވާ ފީތައް:

  • ގާނޫނީ ވަކީލު ކަމުގެ ހުއްދައަށް އެދޭއިރު 2000ރ.
  • ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 2000ރ.
  • ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އެދޭއިރު 1500ރ.
  • ޕަބްލިކް ނޯޓަރީގެ ހުއްދަ ދޫކުރުން އަދި އާ ކުރުން 2000ރ.
  • ލޯ ފާމް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީއަށް 2000ރ.
  • ލީގަލް ޕްރެކްޓިސް ރަޖިސްޓާ ކުރުމަށް އަދި އަހަރީ ފީ 1000ރ.
  • ގާނޫނީ ވަކީލުކަމުގެ ހުއްދަ ލިބިފައިވާކަން އަންގައިދޭ ކާޑު ހެދުމަށް އަދި އާކުރުމަށް 500ރ.
  • ގާނޫނީ ވަކީލުކަމުގެ ހުއްދަ ގެއްލިގެން އަލުން ހެދުން 1000ރ.
  • ގާނޫނީ ވަކީލުކަމުގެ ހުއްދަ ޓްރާންސްލޭޝަން 1000ރ.
  • ސެޓްފިކެޓް އޮފް ގުޑްސްޓޭންޑިން 1000ރ.
  • އެކްސްކޯގެ އިންތިހާބުގެ އިދާރީ ފީ 5000ރ.

އާމްދަނީ ހޯދުމަށްޓަކައި ފީ ނެގުމުގެ ބާރު ބާ ކައުންސިލަށް ލިބިފައިވީ ނަމަވެސް ވަކީލުންގެ ލައިސަންސް އާކުރުމުގެ ގޮތުން ފީ ނެގޭނީ 2024 ވަނަ އަހަރުގެ ފަހުންނެވެ.

ބާ ކައުންސިލްގެ މައިގަނޑު މަސައްކަތަކީ ވަކީލުން މައްސަލަތައް ބަލައި ރެގިއުލޭޓް ކުރުމެވެ.