ބާ ކައުންސިލް

ބާ އިމްތިހާނުގައި ރަޖިސްޓްރީ ވުމަށް ހުޅުވާލައިފި

ގާނޫނީ ވަކީލުކަން ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ބާ އިމްތިހާންގައި ރަޖިސްޓާ ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ބާއްވާ ބާ އިމްތިހާން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު އެވެ.

ކުރިން ބާއްވަން އުޅުނީ މިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ. އެކަމަކު އިމްތިހާން ފަސްކޮށްދިނުމަށް ވަރަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި ގާނޫނީ ވަކީލުކަން ކިޔެވުމަށްފަހު އަދި ހުއްދަ ނުލިބޭ އެތައް ބޭފުޅުންނެއް އެދިގެންނާއި އަދި ސިވިލް ކޯޓުން ވެސް އިމްތިހާން ފަސްކުރަން ހުކުމްކޮށްފައި ވާތީ ކައުންސިލުން ނިންމީ އިމްތިހާން ފަސްކުރުމަށެވެ.

އިމްތިހާން ފަސް ކުރުމަށްފަހު ބާ ކައުންސިލުން ކުރިން ބުނެފައިވަނީ އިމްތިހާނުގައި ބައިވެރިވާން މިހާރު ރަޖިސްޓްރީ ވެފައިވާ ދަރިވަރުންނާއި ރަޖިސްޓްރީވުމަށްފަހު ނަން އަނބުރާ ގެންދިޔަ ދަރިވަރުން ނޮވެމްބަރުގައި ބާއްވާ އިމްތިހާނުގައި އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ.

އެކަމަކު އިއްޔެ ނެރުނު ބަޔާނެއްގައި އެކައުންސިލުން ބުނެފައި ވަނީ ޖޫން މަހު ބާއްވަން ހަމަޖެހިފައިވާ އިމްތިހާނުގެ އެންމެހާ ކަންކަން ބާތިލުކޮށްފައިވާތީ، އިމްތިހާނުގައި ބައިވެރިވާން ބޭނުންވާ ހުރިހާ ފަރާތަކުން ވެސް އަލުން ރަޖިސްޓްރީވާން ޖެހޭނެ ކަމަށެވެ.

ބާ އިމްތިހާނުގެ ރަޖިސްޓްރޭޝަން ފޯމު ހުށަހެޅުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 20 ވަނަ ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ.

އިމްތިހާނުގެ ފީ އަކީ 6،500 ރުފިޔާ އެވެ. ފީ ދެއްކުމަށްފަހު އަނބުރާ ފައިސާ ނުލިބެ އެވެ. ކުރިން ބާ އިމްތިހާނަށް ދައްކަން ޖެހުނު އަދަދު ބޮޑުވުމަކީވެސް އިމްތިހާން ހަދަންޖެހޭ މީހުންގެ ކަންބޮޑުވުމެކެވެ. ބާ އިމްތިހާނަށް ދައްކަން ކުރިން އެންގީ 10،000 ރުފިޔާ އެވެ.

ބާ ކައުންސިލުން ބުނީ އިމްތިހާން ބާއްވާނީ ދެ ސެޝަނަކަށް ބަހާލައިގެން ކަމަށެވެ. ދެ ސެޝަން ވެސް ކުރިއަށް ގެންދާނީ އިމްތިހާން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހު އެވެ. ސެޝަންތަކާ ބެހޭ މައުލޫމާތު އިމްތިހާނުގެ ޓައިމްޓޭބަލާ އެކު ބައިވެރިންނާ ހިއްސާކުރާނެ ކަމަށް ވެސް ކައުންސިލުން ބުނެ އެވެ.