ބާ ކައުންސިލް

ބާ އިމްތިހާން ނޮވެމްބަރަށް ފަސްކޮށްފި

ގާނޫނީ ވަކީލުކަން ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ބާ އިމްތިހާން އަންނަ ނޮވެމްބަރު މަހަށް ފަސްކޮށްފި އެވެ.

ބާ ކައުންސިލް ބާ އިމްތިހާން ފަސްކޮށްފައި މިވަނީ އެ އިމްތިހާން ފަސްކުރަން ސިވިލް ކޯޓުން އިއްޔެ ހުކުމްކޮށްފައި ވަނިކޮށެވެ.

ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރުވަމުންދާ ބާ އިމްތިހާން ފަސްކޮށްދިނުމަށް ވަރަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި ގާނޫނީ ވަކީލުކަން ކިޔެވުމަށްފަހު އަދި ހުއްދަ ނުލިބޭ އެތައް ބޭފުޅުންނެއް އެދިފައިވެ އެވެ. އެކަމަކު ފުރަތަމަ ކައުންސިލުން ބުނެފައި ވަނީ މި އިމްތިހާނު ތައްޔާކުރުމަށް ފާއިތުވި ތިން އަހަރު މާލީ ގޮތުންނާއި އިދާރީ ގޮތުން ގިނަ މަސައްކަތްތަކެއް ކޮށްފައިވާތީ އެ އިމްތިހާނު ފަސްކޮށްދެވެން ނެތް ކަމަށެވެ.

އެ އިމްތިހާން ފުރަތަމަ ބާއްވަން ހަމަޖެއްސީ މިމަހުގެ 25 ވަނަ ދުވަހަށެވެ. ނަމަވެސް ރޭ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިމްތިހާން ދެން އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 19 ވަނަ ދުވަހު ކަމަށެވެ.

އެ ބަޔާނުގައި ބުނީ އިމްތިހާނުގައި ބައިވެރިވާން މިހާރު ރަޖިސްޓްރީ ވެފައިވާ ދަރިވަރުންނާއި ރަޖިސްޓްރީ ވުމަށްފަހު ނަން އަނބުރާ ގެންދިޔަ ދަރިވަރުން ނޮވެމްބަރުގައި ބާއްވާ އިމްތިހާނުގައި އަލުން ރަޖިސްޓްރީވާން ނުޖެހޭނެ ކަމަށެވެ. މިމަހުގެ 25 ދުވަހު ބާއްވަން ހަމަޖެހުނު އިމްތިހާނުގައި ބައިވެރިނުވާ ދަރިވަރުންނަށް ރަޖިސްޓްރީވާން ހުޅުވާލާނެ ކަމަށްވެސް ބަޔާންކޮށްފައިވެ އެވެ.

މި އިމްތިހާނަށް ޝަރުތުހަމަވާ 1000 އަށް ވުރެ ގިނަ މީހުން ތިބި ނަމަވެސް ރަޖިސްޓްރީވެފައި ވަނީ 200 އެއްހާ މީހުންނެވެ. އެންމެ ބޮޑު ސަބަބެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކޮށްފައިވަނީ ފީ އަގު ބޮޑުވުމާއި ސިލަބަސް ސާފުނުވުމެވެ.

މި އިމްތިހާނުގައި ބައިވެރިވުމުގެ ފީ އަކީ 10،000 ރުފިޔާ އެވެ.

އެކަމަކު ބާ ކައުންސިލުން ބުނެފައިވަނީ ބާ އިމްތިހާނުގެ ސިލަބަހުގެ މައުލޫމާތު ދިނުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި 600 އަށް ވުރެ ގިނަ މީހުން ބައިވެރިވި ކަމަށެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތިންވަނަ ދުވަހު ސިލަބަސް ގެޒެޓްކޮށް ކައުންސިލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކަމަށެވެ.