ބާ ކައުންސިލް

ބާ އިމްތިހާން ފަސްކުރަން ދެކޮޅު ހަދައިފި

Jun 20, 2022

ގާނޫނީ ވަކީލުކަން ކުރުމަށް ލައިސަންސް ނުވަތަ ހުއްދަ ހޯދުމުގެ ކުރިން ފުރިހަމަކުރަންޖެހޭ ބާ އިމްތިހާން ފަސްކޮށްދެވެން ނެތް ކަމަށް ބާ ކައުންސިލުން ބުނެފި އެވެ.

ބާ ކައުންސިލުން މިހެން ބުނެފައި މިވަނީ އެ ކައުންސިލުން ފުރަތަމަ ފަހަރަށް ބާއްވަން ތައްޔާރުވަމުންދާ ބާ އިމްތިހާން ފަސްކޮށްދިނުމަށް ވަރަށް ގިނަ އަދަދެއްގެ ގާނޫނީ ވަކީލުންނާއި ގާނޫނީ ވަކީލުކަން ކިޔެވުމަށްފަހު އަދި ހުއްދަ ނުލިބޭ އެތައް ބޭފުޅުންނެއް އެދިފައި ވަނިކޮށެވެ.

ވަކީލުންގެ ކަންބޮޑުވުންތަކާ ގުޅޭ މައްސަލަތައް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ބެލުމަށްފަހު އިމްތިހާން ފަސްކުރަން އެންގުމަށް އެ ކޮމިޓީން ވެސް ވަނީ ނިންމާފަ އެވެ. ބާ ކައުންސިލްގެ އެގެޒެކްޓިވް ކޮމިޓީއަށް އަލަށް ހޮވުނު ބޭފުޅުން ވެސް ވަނީ އިމްތިހާން ފަސްކޮށްދިނުމަށް އެދިވަޑައިގެންފަ އެވެ.

ބާ އިމްތިހާން ބޭއްވުމަށް ބާ ކައުންސިލުން ނިންމާފައިވަނީ މިމަހުގެ 25 ވަނަ ދުވަހު އެވެ.

ގާނޫނީ ފަންނުގެ ގާނޫނުގެ ނަމުގައި 2019 ވަނަ އަހަރު އަމަލުކުރަން ފެށި ގާނޫނުގައި ވަނީ ވަކީލުކަމުގެ ހުއްދަ ދިނުމުގެ ކުރިން ބާ އިމްތިހާނެއް ބޭއްވުމަށް ލާޒިމުކޮށްފަ އެވެ. ނަމަވެސް ބާ ކައުންސިލަށް ބާ އިމްތިހާން ނުބޭއްވި އެތައް މަހެއް ލަސްވުމުންނާއި ވަކީލުކަން ކިޔަވައިގެން ނިކުންނަ އެތައް ބަޔަކަށް ހުއްދަ ނުލިބި މަޑުކުރަންޖެހުމުން ގާނޫނީ ފަންނުގެ ގާނޫނަށް ގެނައި އިސްލާހެއްގެ ދަށުން ތަމްރީން ޕްރޮގްރާމެއް ފުރިހަމަ ކުރި ބޭފުޅުންނަށް އެ ޕްރޮގްރާމު ފުރިހަމަ ކުރާ ތާރީހުން ފެށިގެން ގިނަވެގެން 21 ދުވަހުގެ ތެރޭގައި ގާނޫނީ ވަކީލު ކަމުގެ ހުވާ ކުރުމުގެ އިންތިޒާމު ބާ ކައުންސިލުން ހަމަޖައްސަން ޖެހޭނެ ކަމަށް ބުނެފައިވާތީ އެފަދަ ބޭފުޅުންނަށް ވަގުތީ ހުއްދައެއްދީ މީގެކުރިން ހުވާކުރުވާފައިވެ އެވެ.

ބާ ކައުންސިލުން ބާ އިމްތިހާނެއް ބޭއްވުމަށް ނިންމުމާ ގުޅިގެން ވަކީލުކަން ކިޔަވައިގެން ތިބި ބަޔަކު ވަނީ ބާ ކައުންސިލާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށް އިމްތިހާން ފަސްކޮށްދިނުމަށް އަމުރެއް ނެރެދިނުމަށްވެސް މީގެކުރިން އެދިފަ އެވެ. ސިވިލް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައިވަނީ 2019 އިން ފެށިގެން މި އަހަރާ ދޭތެރޭ ލޯ ޑިގްރީ ނިންމި ދަސްވެނިން ޑިގްރީ ނިންމާފައިވަނީ ބާ އިމްތިހާނުގެ ސިލަބަސް ވުޖޫދުގައި ނެތީސް އެހެން ސިލިބަހެއްގެ މައްޗަށް ކަމަށެވެ. އެހެންކަމުން އާ ސިލަބަހެއްގެ މައްޗަށް ބާ އިމްތިހާންގައި ބައިވެރިވުމަށް މަޖުބޫރުކުރުމަކީ ގާނޫނު އަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނެ އިމްތިހާން ފަސްކޮށްދިނުމަށް އެދުނެވެ. ނަމަވެސް ކޯޓުން އެފަދަ އަމުރެއް ނެރެދީފައެއް ނުވެ އެވެ.

ބާ ކައުންސިލްގެ އިމްތިހާނާ ގުޅިގެން ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އެކަމާ ގުޅިގެން މަޝްވަރާކޮށް ގޮތްތަކެެއް ނިންމަން ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމެއް އިއްޔެ ރޭ ބޭއްވި ނަމަވެސް އިމްތިހާން ފަސްނުކުރަން އެގްޒެކްޓިވް ކޮމިޓީން ވަނީ ނިންމާފަ އެވެ.

ބާ ކައުންސިލުން ބުނީ ބާ އިމްތިހާންގެ މެޓީރިއަލް ތައްޔާރުކުރުމާއި އިމްތިހާންގެ އިންތިޒާމުތައް ހަމަޖެއްސުމަށް ފާއިތުވި ތިން އަހަރު ގިނަ މަސައްކަތްތަކެއްކޮށް އެތައް ހަރަދެއް ކޮށްފައިވާ ކަމަށެވެ. އިމްތިހާން ބާއްވަން ނިންމީ ކުއްލިއަކަށް ކަމަށް ބައެއް ފަރާތްތަކުން ބުނާތީ އެކަމަށް ރައްދުދެމުން ބާ ކައުންސިލުން ބުނީ އިމްތިހާނާ ގުޅޭ "ސަބްޖެކްޓް އޭރިއާ"ތަކުގެ މައުލޫމާތު 2020 ވަނަ އަހަރުން ފެށިގެން ހާމަކުރަމުންދާ ކަމަށެވެ. އަދި އެކަމުގެ މައުލޫމާތުތައް އޭޕްރީލް 23، 2020 އިން ފެށިގެން ގެޒެޓްކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.

ބާ ކައުންސިލުން ބުނީ ބާ އިމްތިހާނުގެ ސިލަބަހުގެ މައުލޫމާތު ދިނުމަށް އޮންލައިންކޮށް ބޭއްވި ބައްދަލުވުމެއްގައި ވެސް 600 އަށް ވުރެ ގިނަ ބޭފުޅުން ބައިވެރިވި ކަމަށެވެ. އަދި މިއަހަރުގެ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހު ސިލަބަސް ގެޒެޓްކޮށް ކައުންސިލްގެ ވެބްސައިޓްގައި އާންމުކޮށްފައިވާ ކަމަށެވެ. ބާ އިމްތިހާން ބޭއްވުމުގެ 90 ދުވަސް ކުރިން މިދިޔަ މާޗްގެ 24 ވަނަ ދުވަހު އިމްތިހާންގެ ތާރީހު ކަނޑައަޅާފައިވާނީ ގާނޫނީ ވަކީލުކަމުގެ ހުއްދަ ދޫކުރުމާބެހޭ ގަވާއިދުގައިވާ ގޮތަށް ކަމަށްވެސް ބާ ކައުންސިލުން ބުނެ އެވެ.

"އެހެންކަމުން 25 ޖޫން 2022ގައި ބޭއްވުމަށް އިންތިޒާމު ކުރާ ބާ އިމްތިހާނުގެ ތާވަލަށް އެއްވެސް ބަދަލެއް ގެންނަން ޖެހޭ ސަބަބެއް މެދުވެރިވެފައި ނެތް ކަމަށް ވަނީ ކަނޑައަޅާފަ" ބާ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ބާ ކައުންސިލުން ފުރަތަމަ ފަހަރަށް ބާ އިމްތިހާން ބޭއްވުމަށް މަސައްކަތް ކުރާއިރު މިހާރު އޮތް ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ ދައުރު ކުރިއަށް އޮތް ޖުލައި މަހުގެ ތެރޭގައި ހަމަވާނެ އެވެ. އެހެންވެ އާ އެގްޒެކްޓިވް ކޮމިޓީއާ އެކު އިމްތިހާން ބާއްވަން ފުރުސަތު ދިނުމަށްވެސް އެތައް ބަަޔަކު ދަނީ ގޮވާލަމުންނެވެ.