ބާ ކައުންސިލް

ބާ ކައުންސިލްގެ ރައީސަކަށް ސިރާޖު ހޮވައިފި

ބާ ކައުންސިލްގެ ރައީސް ކަމަށް ހުސައިން ސިރާޖު އިންތިހާބުކޮށްފި އެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ބޭފުޅަކު ހޮވާފައި މިވަނީ ކުރިން އެ މަގާމުގައި ހުންނެވި އިސްމާއިލް ވިޝާމް މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު އަވަހާރަވުމާ ގުޅިގެންނެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ވާދަކުރެއްވީ ސިރާޖުގެ އިތުރުން ވަކީލް މުހައްމަދު ފައިސަލް އެވެ. ރައީސްގެ މަގާމަށް ސިރާޖު ހޮވުނީ 224 ވޯޓާ އެކު އެވެ. ފައިސަލަށް ލިބުނީ 172 ވޯޓެވެ.

މިއިންތިހާބުގައި ވަނީ ބާ ކައުންސިލްގެ އެގްޒެކްޓިވް ކޮމިޓީގެ މެންބަރު ކަމަށް ވަކީލް އަހްމަދު ޝިފާއުވެސް ހޮވާފަ އެވެ. އޭނާ މި މަގާމަށް ހޮވީ އިތުރު ވަކީލަކު ކުރިމަތިލާފައި ނުވާތީ ފެންނަ ނުފެންނަ ވޯޓެއް ނަގައިގެންނެވެ. ޝިފާއު މަގާމަށް އިންތިހާބު ކުރުމަށް 248 ވަކީލަކު ވޯޓު ދިންއިރު ނުފެންނަ ކަމަށް 88 ވަކީލުން ވޯޓު ދެއްވި އެވެ.

ބާ ކައުންސިލްގެ ރައީސް އާއި ނައިބް ރައީސް އަދި އެގްޒެކްޓިވް ކޮމިޓީއަށް ބޭފުޅުން ހޮވަނީ ގާނޫނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

އޮންލައިން ޕޯޓަލް "ފަހި ވޯޓު" މެދުވެރިކޮށް ކުރިއަށް ގެންދިޔަ ވޯޓުގައި ވޯޓުލުމަށް 991 ވަކީލުން ރަޖިސްޓްރީ ކުރި ނަމަވެސް ވޯޓު ދީފައިވަނީ 396 ވަކީލުންނެވެ.

ބާ ކައުންސިލްގެ ރައީސްގެ މަގާމަށް ހޮވާފައިވާ ސިރާޖު ވަނީ އިލެކްޝަންސް ކޮމިޝަންގެ ނައިބް ރައީސް ކަމާއި މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގެ ވައިސް ޗެއާމަންކަމާއި މީރާގެ ބޯޑު މެންބަރުކަން ކުރައްވާފަ އެވެ. ގާނޫނީ ދާއިރާ އިން ސިރާޖް ތައުލީމު ހާސިލްކުރެއްވީ ލަންޑަންގެ މިޑްލްސެކްސް ޔުނިވަސިޓީންނެވެ.