ބާ ކައުންސިލުން އަންނަ އަހަރުން ފެށިގެން ގާނޫނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން ފީތަކެއް ނެގުމާ މެދު ހިޔާލު ހުށަހެޅުމަށް ހުޅުވާލައިފި އެވެ.
ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވަނީ ފީތަކެއް ނެގުމުގެ ގޮތުން ހިޔާލަށް ހުޅުވާލީ ދައުލަތުގެ ބަޖެޓުން އެ ކައުންސިލަށް ކަނޑައަޅާފައިވާ އާމްދަނީން ކައުންސިލުގެ މަސައްކަތްތައް އެންމެ ފުރިހަމައަށް ނުކުރެވޭތީ އާމްދަނީ އިތުރުކުރުމުގެ ގޮތުން ކަމަށެވެ.
މިގޮތުން ބާ ކައުންސިލުން ހުށަހަޅާފައިވަނީ ވަކީލުންގެ އަތުންނާއި ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުން އަންނަ އަހަރު ފީ ނެގުމަށެވެ.
ފީ ނަގައިގެން އާމްދަނީގެ ގޮތުގައި އިތުރު ދެ މިލިއަން ރުފިޔާ ލިބޭނެ ކަމަށް ކައުންސިލުން ލަފާކުރެ އެވެ.
ފީ ނެގުމަށް ބާ ކައުންސިލުން ހުށަހަޅާފައިވާ ގޮތް:
- ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް: 6،000ރ.
- ހައި ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް: 4،000ރ.
- ލޯ ފާމް ރަޖިސްޓްރީގެ އަހަރީ ފީ: 3،000ރ.
- ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް އެޕްރޫވްކުރަން: 50،000ރ.
- ގާނޫނު ކިޔަވައިދޭ މަރުކަޒުތަކުގެ ކަރިކިއުލަމް ރީ އެޕްރޫވްކުރަން: 50،000ރ.
- ބިދޭސީ ވަކީލުން ދަށު ކޯޓުތަކަށް ދިއުމުގެ ހުއްދައަށް (ކޮންމެ މައްސަލައަކަށް ވަކިން): 20،000ރ.
- ބިދޭސީ ވަކީލުން ހައި ކޯޓަށް ދިއުމުގެ ހުއްދައަށް (ކޮންމެ މައްސަލައަކަށް ވަކިން): 20،000ރ.
- ބިދޭސީ ވަކީލުން ސުޕްރީމް ކޯޓަށް ދިއުމުގެ ހުއްދައަށް (ކޮންމެ މައްސަލައަކަށް ވަކިން): 20،000ރ.
- ވަކީލުންގެ ކާޑު ހެއްދުން އަދި އާކުރުމަށް (ކޮންމެ ފަހަރަކު): 500ރ.
- ލައިސަންސް ގެއްލިގެން އާކުރަން (ކޮންމެ ފަހަރަކު): 500ރ.
- ޕަބްލިކް ނޯޓަރީގެ ހިދުމަތުގެ ލައިސަންސް ހޯދަން އަދި އާކުރަން (ކޮންމެ ފަހަރަކު): 2،500ރ.
މީގެ އިތުރުން ވަކީލުންގެ ލައިސަންސް އަހަރަކު އެއްފަހަރު އާކުރަންޖެހޭ ގޮތަށް ހެދުމަށްފަހު ޖޫން 2024 ވަނަ އަހަރުން ފެށިގެން 3،000ރ. އާއި 7،000 ރުފިޔާއާ ދެމެދުގެ އަދަދެއް އާކުރާ ކޮންމެ ފަހަރަކު ނެގުމަށްވެސް ވަނީ ހުށަހަޅާފަ އެވެ.
މި ފީތަކާ މެދު ހިޔާލު ހުށަހެޅުމަށް ހުޅުވާލާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00ގެ ނިޔަލަށެވެ.
އާމްދަނީ ހޯދުމަށްޓަކައި ފީ ނެގުމުގެ ބާރު ބާ ކައުންސިލަށް ލިބިފައިވީ ނަމަވެސް ވަކީލުންގެ ލައިސަންސް އާ ކުރުމުގެ ގޮތުން ފީ ނެގޭނީ 2024 ވަނަ އަހަރުގެ ފަހުންނެވެ.