އެމްއޭސީއެލް

އެމްއޭސީއެލް ޑެޕިއުޓީ އެމްޑީ އަކަށް ތޯހާ

Apr 7, 2022

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އިބްރާހީމް ތޯހާ އައްޔަންކޮށްފި އެވެ.

އެމްއޭސީއެލް ހިންގުމާ މިވަގުތު ހަވާލުވެވަޑައިގެން ހުންނެވި އިބްރާހީމް ތޯހާ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ކަމަށް ހަމަޖެއްސެވީ ޕްރައިވެޓަައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުންނެވެ.

ތޯހާ އަށް އެމްއޭސީއެލްގެ ހިންގުން ހަވާލުކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އޭނާ އަށް އެ ޒިންމާ ހަވާލުކުރީ އެމްއޭސީއެލްގެ އޭރުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ގޯޑަން އެންޑްރޫ ސްޓުވާޓް މަގާމުން ވަކި ކުރުމަށްފަހު އެވެ.

ގޯޑަން މަގާމުން ވަކިކުރީ އޭނާގެ މަސައްކަތުގެ ފެންވަރު ވަޒަންކުރުމަށްފަހު މަގާމަށް އެކަށީގެން ނުވާތީ މިދިޔަ ނޮވެމްބަރު 10 ވަނަ ދުވަހު ޕްރައިވެޓަައިޒޭޝަން ބޯޑުންނެވެ.

އެމްއޭސީއެލް ހިންގުމާ ހަވާލުވެ ހުންނެވި އިބްރާހީމް ތޯހާ އަކީ އެ ކުންފުނީގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއް ވެފައިވާ އަދި ކުންފުނީގެ އިސް މަގާމުތަކެއް ވެސް ފުރުއްވާފައިވާ ބޭފުޅެކެވެ.