މީރާ

އާމްދަނީން ޓެކްސް ނެގުމުގައި އިސްތިސްނާ ދޭން އުސޫލެއް

Apr 8, 2022
1

ވިޔަފާރި މަޝްރޫއުތަކާއި ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން ހާއްސަ އިސްތިސްނާ ދިނުމާ ބެހޭ ގަވާއިދު އެކުލަވާލާ އަމަލުކުރަން ފަށައިފި އެވެ.

މި ގަވާއިދުގެ މަގުސަދަކީ ވަކި ވިޔަފާރި މަޝްރޫއުތަކުން ނުވަތަ ދާއިރާތަކުން ލިބޭ އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ބަލަންޖެހޭ ޝަރުތުތަކާއި، އަމަލުކުރާނެ އުސޫލުތަކާއި އިޖުރާއަތުތައް ކަނޑައެޅުމާއި، އިސްތިސްނާ ދެވޭ ފަރާތްތަކުގެ ދަފުތަރު ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރުމުގެ އިޖުރާއަތުތައް ބަޔާންކުރުމެވެ.

މި ގަވާއިދުގެ ތިންވަނަ މާއްދާގައިވާ ގޮތުން އިސްތިސްނާ ހޯދުމަށް އެދި ވިޔަފާރި މަޝްރޫއު ހިންގާ ފަރާތްތަކުން އެ މަޝްރޫއެއް ނިސްބަތްވާ ބެލެނިވެރި ވުޒާރާއަކަށް ހުށަހަޅަންޖެހެ އެވެ. އަދި އެ ހުށަހެޅުން ލިބޭތާ 10 ދުވަހުގެ ތެރޭގައި އެ ހުށަހެޅުމެއް އެ މިނިސްޓްރީ އަކުން ރައީސް އޮފީހަށް ހުށަހަޅަންޖެހެ އެވެ. އެކަމަކު މިގަވައިދަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި ލިބޭ ހުށަހެޅުންތައް ރައީސް އޮފީހަށް ހުށަހެޅުމަށް 30 ދުވަސް ކަމާ ގުޅޭ ވުޒާރާ އަށް ލިބެ އެެ.

ގަަވައިދުގައިވާ ގޮތުން އިސްތިސްނާ ހޯދުމަށް ހުށަހަޅާ ހުށަހެޅުންތަކާ މެދު ރައީސުލްޖުމްހޫރިއްޔާ ގޮތެއް ނިންމަވަންޖެހޭނީ ވަޒީރުންގެ މަޖިލީހުގެ ސަބްކޮމިޓީއެއްގެ ލަފަޔާއެކު، ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިންނެވެ. އިސްތިސްނާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިނަމަ އެ އިސްތިސްނާ ދެމިއޮންނާނީ ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ މުއްދަތަކަށް ކަމަށް ގަވައިދުގައިވެ އެވެ.

އިސްތިސްނާ ދިނުމުގައި ބަލާނެ ކަންކަން

  • އެ އިސްތިސްނާއެއް ދިނުމުގެ ސަބަބުން ދައުލަތުގެ އާމްދަނީއަށް ކުރާނެ އަސަރު
  • އެ އިސްތިސްނާއެއް ދިނުމުން އިގްތިސޯދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ކުރާނެ ފައިދާއާއި ގެއްލުން
  • އިސްތިސްނާ ދިނުމުން ހާސިލުވުމަށް ބޭނުންވާ މަގުސަދު ހާސިލުވާނެ މިންވަރު

އިސްތިސްނާ ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލާ އެ ލިސްޓް ގެޒެޓްކޮށް އަޕްޑޭޓް ކުރަމުން ގެންދަންވާނެ ކަމަށްވެސް ގަވައިދުގެ ހަތްވަނަ މާއްދާގައި ބުނެ އެވެ.

އާމްދަނީން ޓެކްސް ދެއްކުމުން އިސްތިސްނާ ދިނުމަށް ނިންމާ ވިޔަފާރި މަޝްރޫއަށް ހާއްސަކޮށްގެން ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނުގެ ދަށުން ވަކި ގާނޫނީ ޝަހްސެއްގެ ގޮތުގައި ރަޖިސްޓްރީ ކުރަންވެސް ޖެހެ އެވެ.