ސައޫދީ އަރަބިއްޔާއިން މި އަހަރު އެއްމިލިއަން ހައްޖުވެރިންނަށް ފުރުސަތު ދޭނެ ކަމަށް މިނިސްޓްރީ އޮފް ހައްޖު އެންޑް އުމްރާއިން ބުނެފި އެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑާ ހެދި ސައޫދީ އަރަބިއްޔާއަށް އެތެރެވުން ވަރަށް ބޮޑަށް ހަރުކަށިކޮށްފައި އޮތުމަށް ފަހު މިހާރު ވަނީ ދޫދޭން ފަށާފަ އެވެ. މި އަހަރު ރޯދަ މަހު އުމްރާވެރިންނަށް ވެސް ވަނީ ވަރަށް ބޮޑަށް ލުއި ދީފަ އެވެ.
ސައޫދީގައި ހައްޖު އިންތިޒާމްކުރާ އިދާރާތަކުން ބުނާ ގޮތުން އެއްމިލިއަން ހައްޖުވެރިންނަށް މިއަހަރު ފުރުސަތު ދިން ނަމަވެސް، އެކަން ހިނގައި ދާނީ އެގައުމަކަށް ކޯޓާ ދޫކޮށްފައި އޮންނަ އުސޫލުން އެ ތަރުތީބުންނެވެ.
ސައޫދީއަށް އެންމެ މުހިންމީ ހައްޖުވެރިން ދުޅަހެޔޮ ކަމާއެކު ހައްޖުގެ އަޅުކަން އަދާކުރުން ކަމަށް ސިއްހީ އިދާރާތަކުން ބުނެ އެވެ. އެހެންކަމުން ކޮވިޑް ވެކްސިން ފުރިހަމަ ކުރުމުގެ މުހިންމުކަން ވަނީ ހަނދާން ކޮށްދީފަ އެވެ.
ހައްޖުންވެރިން ވާން ޖެހޭނީ 65 އަހަރު ނުފުރޭ މީހުންނަށް ކަމަށާއި ސައޫދީން ގަބޫލުކުރާ މިންގަނޑަށް ކޮވިޑް ވެކްސިން ފުރަހަމަ ކުރަން ޖެހޭނެ ކަަމަށްވެސް ބަޔާނުގައި ބުނެފައިވެ އެވެ.
ސައޫދީ ހެލްތު މިނިސްޓްރީން ބުނީ ކޮންމެ ހައްޖުވެރިއެއްގެ އަތުގައި 72 ގަޑިއިރު ނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް އޮންނަން ވާނެ ކަމަށެވެ. ބޭނުމެއް ކަމަށް ބުނީ އެއީ ހައްޖުވެރިންގެ ދުޅަހެޔޮކަން ކަށަވަރު ކުރުމަށް ކަމަށެވެ.
ކޮވިޑާ ހެދި މިދިއަ އަހަރު ހައްޖު ކުރަން ފުރުސަތު ދީފައި ވަނީ 58،745 މީހުންނަށް ކަމަށް ރަސްމީ ހިސާބުތައް ބުނެ އެވެ. ކޮވިޑް ލައިގަތުމުގެ ކުރިން ދެ މިލިއަނަށް ވުރެ ގިނަ މީހުންނަށް ހައްޖުގެ ފުރުސަތު ސައުދީން ވަނީ ދީފަ އެވެ.