އެމެރިކާގެ ޓެކްސަސް އަށް ނަގޫ ރޯޅިއެއް އަރައި 11 މީހުން މަރުވެއްޖެ އެވެ.
ގަދަ ވަޔާއެކު ބޯކޮށް ވާރޭ އަދި ސްނޯ ވެހުމުގެ ސަބަބުން އެއަވަށުގެ ގިނަ މަގުތައްވަނީ ބޭނުންނުކުރެވޭ ވަރުވެފަ އެވެ. މި ތޫފާނުގައި މަރުވި 11 މީހުންގެ ތެރެއިން އަށް މީހުން ނަކީ ޑަލަސް އާއި ކައިރީގައި އޮންނަ ގާލޭންޑް އަވަށުގައި ދިރިއުޅެމުން ދިޔަ މީހުންނެވެ. އަދި މިމީހުންގެ ތެރެއިން ފަސް މީހުން މަރުވެފައިވަނީ ކާރުގެ ތެރޭގައެވެ.
ޓެކްސަސްގެ ހުޅަނގުގެ ސަރަހައްދަށް ގަދަ ވަޔާއެކު ސްނޯ ފައިބަމުންދާތީ ގިނަ މަގުތައް ވަނީ ބޭނުން ނުކުރެވޭ ވަރުވެފަ އެވެ. ބޯކޮށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުން އުތުރުގެ އަވަށްތަކުން އަވަށްތަކުން 12 މީހުންވަނީ މަރުވެފަ އެވެ.
މިހާރު ދެކުނުގެ އަވަށްތަކަށް މިސްރާބު ޖަހާފައިވާ މި ތޫފާނަކީ ފިނި މޫސުމުގައި ކުރިމަތިވާނެ އެންމެ ނުރައްކާތެރި ތޫފާން ކަމަށް ހަބަރުތައް ބުނެއެވެ. މިހާރުވެސް ބައެއް އަވަށްތަކުގެ ކާރުތަކާއި ގަސް ފަދަ ތަކެތި ވަނީ ހަލާކުވެފަ އެވެ.
ގާލެންޑްގެ ފުލުހުން ބުނީ ހޮނިހިރު ދުވަހު އެރި މި ނަގޫ ރޯޅީގެ ސަބަބުން ކާރު އެކްސިޑެންޓްތަކެއްވެސް ހިނގާފައިވާ ކަމަށެވެ. އަދި މިއަހަރުގެ ފިނި މޫސުމުގައި ދަލަސް ސަރަހައްދުން ޖުމްލަ 600 އިމާރާތަށް ގެއްލުން ލިބިފައިވާ ކަމަށެވެ. ގެދޮރުނެތުނު މީހުންނަށް ރެޑްކްރޮސް އިން ދަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންނެވެ.
ޓެކްސަސްގެ ސަރުކާރުންވަނީ މަރުވި މީހުންގެ އަދަދު އިތުރުވެދާނެ ކަމަށް ބުނެފަ އެވެ. އެގައުމުގެ މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިތުރު ކޮޅިގަނޑުތައް އެސަރަހައްދުގައި އުޅޭ ކަމަށް ލަފާކޮށްފަ އެވެ.
އެމެރިކާގެ އެހެން ގިނަ ސަރަހައްދުތަކަށް ދިމާވެފައިވަނީ ގަދަ ވަޔާއެކު ސްނޯ ފޭބުމުގެ މައްސަލަ އެވެ. އެކަމުގެ ސަބަބުން ގިނަ މަގުތަކެއްވަނީ ބޭނުންނުކުރެވޭ ގޮތްވެފަ އެވެ.
ގަދަ ވަޔާއެކު ސްނޯ ފޭބުމުގެ ސަބަބުން މިސިއްޕީ ސްޓޭޓުން 10 މީހުން އަދި ޓެންނެސް ސްޓޭޓުން ހަ މީހުން ވަނީ މަރުވެފަ އެވެ. މިސިްޕީ ސްޓޭޓަށްވަނީ 20 ނަގޫ ރޯޅި އަރާފަ އެވެ. އޭގެ ސަބަބުން 56 މީހުން މަރުވެ 400 އަށްވުރެ ގިނަ ގެ ވަނީ ހަލާކުވެފަ އެވެ.