ޕާކިސްތާން

ޕާކިސްތާނުގެ އައު ބޮޑުވަޒީރަކަށް ޝެހެބާޒް ޝަރީފް

ޕާކިސްތާނުގެ މުސްލިމް ލީގް އިން އެ ގައުމުގެ ބޮޑުވަޒީރަކަށް ނެރުއްވި ޝެހެބާޒް ޝަރީފް، އައު ބޮޑު ވަޒީރަކަށް އިންތިހާބު ކޮށްފި އެވެ.

އިދިކޮޅު ޕާޓީތައް ގުޅިގެން ބޮޑުވަޒީރު ކަމުން އިމްރާން ހާން ބޭރު ކުރުމަށް އިތުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅައި ވަނީ ފާސް ކޮށްފަ އެވެ. އެހެންކަމުން ޕާކިސްތާނަށް އައު ބޮޑުވަޒީރެއް އިންތިހާބު ކުރުން މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

ބޮޑުވަޒީރުގެ މަގާމަށް އިދިކޮޅުން ހުށަހެޅީ ޝެހެބާޒް ޝަރީފް 70، އެވެ. އޭނާއަކީ ޕާކިސްތާންގައި ކުރިން ބޮޑުވަޒީރުކަން ތިންފަހަރު ކުރައްވާފައިވާ ނަވާޒް ޝަރީފްގެ ކޮއްކޮ އެވެ.

މިއަދު ޕާލިމަންޓްގައި އޮތް ބައްދަލްވުމުގައި ބޮޑުވަޒީރަކަށް ޝެހެބާޒް އިންތިހާބުކޮށްފައިވަނީ 174 މެންބަރުންގެ ވޯޓުންނެވެ. މިއީ އިމްރާން ޚާން މަގާމުން ދުރުކުރަންވެސް ވޯޓް ލިބުނު އަދަދެވެ.

މިއަދުގެ ވޯޓްގެ ކުރީން ޝެހެބާޒް ޝަރީފް އާ ވާދަކުރައްވާނެ ކެންޑިޑޭޓެއްގެ ގޮތުގައި ކުރީގެ ބޮޑުވަޒީރު އިމްރާން ހާން ސަރުކާރުގެ ފޮރިން މިނިސްޓަރު ޝާހް މަހްމޫދު ގުރައިޝީ ނިކުންނަވާނެ ކަމަށް އޮތީ ބެލެވިފައެވެ. ނަމަވެސް ބައްދަލްވުން ފެށުމާއެކު ތަހްރީކޭ އިންސާފަށް ނިސްބަތްވާ ހުރިހާ ކެންޑިޑޭޓުން ވަނީ ބައްދަލްވުން ބޮއިކޮޓް ކުރައްވާ ނިކުމެވަޑައިގެންފައެވެ.

ޕާކިސްތާނުގެ 23 ވަނަ ބޮޑު ވަޒީރު ކަމަށް ވަޑައިގެންނެވި ޝެހެބާޒް ޝަރީފް ކުރިން އަދާ ކުރެއްވި މަގާމުތަކުގެ ތެރޭގައި ޕަންޖާބް ޕްރޮވިންސްގެ ޗީފް މިނިސްޓަރުކަން ހިމެނެ އެވެ. އިމްރާން ހާންއާ ޚިލާފަށް ޝެހެބާޒްގެ ވިސްނުން ހުރީ އެމެރިކާއާ ގުޅުން ބަދަހި ކުރާ ގޮތަށެވެ. ބޭރު އަދި ޕާކިސްތާނަށް މީގެ ކުރިން ބީރައްޓެހި ބައެއް އެހެން ގައުމުތަކާ އެކުވެސް ގުޅުން ބަދަހިކުރާ ގޮތަށެވެ.