ދުނިޔެ

ބިން ލާދިންގެ ބޮޑީގާޑް މަރުވެއްޖެ!

އުސާމާ ބިން ލާދިންގެ ބޮޑީގާޑް ނައްސަރު އަލް ބަހުރީ މަރުވެއްޖެ އެވެ. އޭނާ މަރުވީ މިދިޔަ ހޮނިހިރު ދުވަހެވެ.

ހަބަރުތައް ބުނާ ގޮތުގައި އޭނާ މަރުވެފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ޔަމަނުގައި ބޭސްފަރުވާ ކުރަމުން ދަނިކޮށް ހޮސްޕިޓަލުގަ އެވެ.

އަބޫ ޖަންދަލްގެ ނަމުން މަޝްހޫރުވެފައިވާ ބަހުރީއަކީ އޭނާ އަފްގާނިސްތާނުގައި އުޅުނު އިރު އަލް ގައިދާގެ ކުރީގެ ލީޑަރުގެ ޑްރައިވަރު ވެސް މެއެވެ.

ދެހާސް އަށްވަނަ އަހަރު ޖަލުން ސަލާމަތްވުމާއެކު އޭނާ ވަނީ ޔަމަނަށް އެނބުރި އައިސްފަ އެވެ. އަދި 1990 އިގެ އަހަރުތަކުގައި ބޮސްނިއާ، ސޯމާލިއާ އަދި އަފްގާނިސްތާނަށް ހައްދު ފަހަނަ އަޅާފައިވާ ޖަމާއަތްތަކުން ދިން ހަމަލާތަކުގައި އޭނާ ވަނީ ބައިވެރިވެފަ އެވެ. އަދި އޭގެ ފަހުގައި އޭނާ ވަނީ އަލް ގައިދާ ޖަމާއަތާއި ގުޅިފަ އެވެ.

އަދި އޭގެ ފަހުން 2010 ވަނަ އަހަރު ބީބީސީގެ ޓީވީ ޕްރޮގްރާމަކަށް ދިން އިންޓަވިއު އެއްގައި ބަހުރީ ވަނީ ޔަމަނުގެ ޒުވާނުން ހައްދުފަހަނަ އަޅަމުންދާކަމަށް ތުހުމަތުކޮށްފަ އެވެ.

އުސާމާ ބިން ލާދިން މަރާލާފައިވަނީ 2011 ވަނަ އަހަރު މެއި މަހުގެ ތެރޭގައި ޕާކިސްތާނުގައެވެ. އޭނާ މަރާލާފައިވަނީ އެމެރިކާ ސިފައިންނެވެ.