ޑްރައިވިން ލައިސަންސް

ޑްރައިވިން ސްކޫލްގައި ވަގުތު ހަމަކުރާކަށް ދެން ނުޖެހޭނެ

Apr 12, 2022

ޑްރައިވިން ސްކޫލުތަކުގައި ވަކިވަގުތެއް ހަމަވަންދެން އުޅަނދު ދުއްވުމުން ނޫނީ ލައިސަންސް ލިބޭ ގޮތަށް ހަމަޖައްސާފައިވާ އޮތް އޮތުން ބަދަލުކޮށްފި އެވެ.

ޑްރައިވިން ސްކޫލު ހިންގުމާއި ޑްރައިވިން އިންސްޓްރަކްޓަރުންގެ ގޮތުގައި ހަރަކާތްތެރިވުމުގެ ގަވާއިދު ކުރިން އޮތް ގޮތުން ސައިކަލް ލައިސަންސް ނަގާ މީހެއްނަމަ 40 ގަޑިއިރު ދުއްވަންޖެހެ އެވެ. ކާރާއި ޕިކަޕް ފަދަ ހަތަރު ފުރޮޅުލީ އުޅަނދުތައް މަދުވެގެން 30 ގަޑިއިރު ދުއްވަންޖެހެ އެވެ. އަދި ލައިސަންސް ނެގުމުގެ ކުރިން އެ ނޫން ބާވަތުގެ އުޅަނދުތައް 25 ގަޑިއިރު ދުއްވަންޖެހެ އެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން މިހާރު ވަނީ މި ގަވައިދު އިސްލާހުކޮށްފަ އެވެ. އެގޮތުން ގަވައިދަށް ގެނައި އެންމެ މުހިއްމު އިސްލާހަކީ ޑްރައިވިން ސްކޫލުތަކުގައި ވަކިވަގުތެއް ހަމަވަންދެން އުޅަނދު ދުއްވުމުން ނޫނީ ލައިސަންސް ލިބޭ ގޮތަށް ހަމަޖައްސާފައިވާ އޮތް މާއްދާ އުވާލުމެވެ.

ގަވައިދު ކުރިން އޮތް ގޮތުން ލައިސަންސް ނަގަން ދުއްވަން ދަސްކުރާ މީހާ އުޅަނދު ވަކި ވަގުތަކަށް ދުއްވިކަން އަންގައިދިނުމުގެ ގޮތުން ދުއްވިކަމުގެ ރިކޯޑާއި، ޓްރެއިނިން ލޮގު، ޑްރައިވިން ސްކޫލުން ނުވަތަ ޑްރައިވިން އިންސްޓްރަކްޓަރު ބަލަހައްޓަން ޖެހެ އެވެ.

މިނިސްޓްރީން ގަވައިދު އިސްލާހުކޮށްފައިވަނީ ޑްރައިވިން ސްކޫލްތަކުގެ ހިންގުން ހަރުދަނާކޮށް ދައުރު އިތުރަށް ފުޅާކުރެވޭ ގޮތަށެވެ. އަދި ޑްރައިވިން ސްކޫލަށް އިންސްޓްރަކްޓަރުން ހޮވުމުގައި ބަލަން ޖެހޭ މިންގަނޑެއް ވެސް މިހާރު ގަވައިދުގައި ވަނީ ކަނޑައަޅާފަ އެވެ.