ޓްރާންސްޕޯޓް މިނިސްްޓްރީން ދޫކުރާ އެއްގަމުގައި ދުއްވާ އުޅަނދުފަހަރު ދުއްވުމުގެ ލައިސެންސްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑާލައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މިނިސްޓްރީން ރައްޔިތުންނަށް ފޯރޮކޮށްދޭ ހިދުމަތްތަކުގެ ފެންވަރުމަތިކޮށް ލުއިފަސޭހަކަމާއެކު ލިބޭނު އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން އަލަށް ސޮފްޓްވެއާއެއް ތައްޔާރުކޮށް ހިދުމަތް ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މިގޮތުން އެއްގަމުގައި ދުއްވާ އުޅަނދު ދުއްވުމުގެ ލައިސަންސްގެ ހިދުމަތް ފެށުމުގެ ކުރިން ކުރަންޖެހޭ ޑޭޓާ މައިގްރޭޝަންގެ މަސައްކަތް ކުރުމަށްޓަކައި ލައިސެންސާ ބެހޭ ހިދުމަތްތައް މެދުކަނޑާލާފައިވާ ކަމަށް އިއުލާނުގައިވެ އެވެ.
ލައިސަންސްގެ ހުރިހާ ހިދުމަތްތަކެއް ވަގުތީގޮތުން ހުއްޓާލާފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ ހަތަރުވަނަ ދުވަހުގެ ނިޔަލަށެވެ.
މީގެ އިތުރުން ލައިސަންސްގެ ހިދުމަތްތައް ހުއްޓާލާފައިވާ މުއްދަތުގެ ތެރޭގައި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހާއި ހަމައަށް މުއްދަތު ހަމަވާ ލައިސަންސް ބޭނުންކޮށްގެން އެއްގަމު އުޅަނދު ދުއްވޭނެ ކަމުގައިވެސް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެ އެވެ.