އަހުމަދު ނަސީމް

ކިއުބާގެ 26 ޑޮކްޓަރުން އަންނަ މަހު އަންނަނީ

Apr 13, 2022
1

ކިއުބާ އިން ގެންނަން ނިންމާފައިވާ ޑޮކްޓަރުން ކުރިއަށް އޮތް މެއި މަހު ރާއްޖެ އަންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެލްތު މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ހޮސްޕިޓަލްތަކުގައި އިދާރީ މުވައްޒަފުންނާއި ޑޮކްޓަރުން ހިމެނޭ ގޮތަށް ސިއްހީ ހިދުމަތްތެރިން މަދު ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ކޮވިޑް 19 ފެތުރުމާ ގުޅިގެން ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ ވަރަށް ގިނަ ބިދޭސީ ސިއްހީ އެހީތެރިން އެމީހުންގެ ގައުމަށް ދިއުމަށްފަހު އެނބުރި އައިސްފައި ނުވާތީ ޑޮކްޓަރުންގެ ދަތިކަން އަދިވެސް ހައްލު ކުރެވިފައި ނުވާ ކަމަށެވެ.

ހޮސްޕިޓަލްތަކަށް ބޭނުންވާ ޑޮކްޓަރުންނާއި މުވައްޒަފުން ހޯދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް މެއި މަހުގެ ތެރޭގައި ކިއުބާ އިން 26 ސްޕެޝަލިސްޓް ޑޮކްޓަރުން ރާއްޖެ އަންނާނެ ކަމަށެވެ.

ކިއުބާ އިން އަންނަ ޑޮކްޓަރުން ފޮނުވަން ނިންމާފައިވާ ހޮސްޕިޓަލްތަކުގެ މައުލޫމާތު ހިއްސާކުރައްވާފައެއް ނުވެ އެވެ. ނަމަވެސް ވިދާޅުވީ ރާއްޖެ ހިމެނޭ ސަރަހައްދުގެ ގައުމުތަކުން ޑޮކްޓަރުން ހޯދުމުގައި މިހާރު ދަތި ކަމަށެވެ.

"އެނގިވަޑައިގަންނަވާނެ ކޮވިޑް ތެރޭގައި ބޭނުންވާ ވަރަށް ގިނަ މީހުން މިތަނުން ފުރައިގެން ހިނގައްޖެ. އަޅުގަނޑުމެންނަށް ރެކްރޫޓް ކުރެވުނު މީހުންނަށް ވުރެ ފުރައިގެން ދިޔަ މީހުން މާގިނަ. އެހެންވީމާ އެ ގެޕް އަދިވެސް ފިލް ނުކުރެވިގެން މިއުޅެނީ އިނގޭތޯ،" ނަސީމް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ހޮސްޕިޓަލްތަކުގެ އިދާރީ މުވައްޒަފުންގެ މައްސަލަ ހައްލުކުރުމަށް ކުރިއަށް ގެންދަންޖެހޭ އިދާރީ ވަރަށް ގިނަ މަސައްކަތްތައް ހުންނަ ކަމަށެވެ. އެކަމުގައި ފިނޭންސް މިނިސްޓްރީގެ އެއްބާރުލުން ލިބޭ ކަމަށް ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ނިޔަލަށް އިދާރީ މުވައްޒަފުންގެ މައްސަލަ ވެސް ހައްލު ކުރެވޭނެ ކަމަށެވެ.

ނަސީމް ވިދާޅުވީ ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކަށް ގޮނޑިއާއި މޭޒާއި ކޮމްޕިއުޓަރު ފަދަ ތަކެތި ވެސް ބޭނުންވެފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް ޑަބްލިއުއެޗްއޯގެ އެހީތެރިކަމާ އެކު ގޮނޑިއާއި މޭޒާއި ކޮމްޕިއުޓަރު ލިބިފައިވާތީ ކުރިއަށް އޮތް ޖޫން މަހުގެ ތެރޭގައި އެ ތަކެތި ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒު ތަކަށް ފޮނުވަން ފަށާނެ ކަމަށެވެ.

ސިއްހީ ދާއިރާގައި ހައްލުކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި ދައުލަތަށް އާމްދަނީ ލިބޭ މިންވަރަކުން އަދި މަޖިލީހުގެ އެހީތެރިކަމާއި އިދާރާތަކުގެ އެއްބާރުލުމާ އެކު އެ މައްސަލަތަކަށް ހައްލު ހޯދޭނެ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.