ޒަކާތް

ފުރަތަމަ 10 ގައި ޒަކާތް ދެއްކި މީހުން މަދު

Apr 14, 2022

މިދިޔަ ރޯދަ މަހުގެ ފުރަތަމަ 11 ދުވަހަށް ވުރެ މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ 11 ދުވަހު ފިތުރު ޒަކާތް ދެއްކި އަދަދު މަދުވެއްޖެ އެވެ.

ފިތުރު ޒަކާތުގެ ގޮތުގައި މިދިޔަ ރޯދަ މަހުގެ ފުރަތަމަ 11 ވަނަ ދުވަހުގެ ނިޔަލަށް 899،031 ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިއަހަރުގެ ފުރަތަމަ 11 ވަނަ ދުވަހު ލިބިފައިވަނީ 878،646 ރުފިޔާ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 20،385 ރުފިޔާ މަދު އަދަދެކެވެ.

އިސްލާމިކް މިނިސްޓްރީން އާންމު ކޮށްފައިވާ ތަފާސްހިސާބުތަކުގައިވާ ގޮތުން ފުރަތަމަ 11ގެ ނިޔަލަށް 19،523 މީހުން ޒަކާތް ދައްކާފައިވެ އެވެ. މީގެތެރެއިން 4،956 މީހުން ޒަކާތް ދައްކާފައިވަނީ އިސްލާމިކް މިނިސްޓްރީގައި ޒަކާތް ބަލައިގަތުމަށް ބަހައްޓާފައިވާ ކައުންޓަރުތަކަށެވެ. ބާކީ ތިބި 14،567 މީހުން ޒަކާތް ދައްކާފައިވަނީ އޮންލައިކޮށެވެ.

އިސްލާމިކް މިނިސްޓްރީގެ ކައުންޓަރުން ޒަކާތް ބަލައިގަންނަނީ އުމުރުން ދުވަސްވީ މީހުންގެ ތެރެއިން ޒަކާތް ދައްކަން ބޭނުންވާ މީހުންނަށާއި އޮންލައިންކޮށް ޒަކާތް ދެއްކުމަށް އަހުލުވެރި ނޫން މީހުންނަށެވެ.

އިސްލާމިކް މިނިސްޓްރީގައި ޒަކާތް ބަލައިގަންނަނީ ރަސްމީ ދުވަސްތަކުގައި ހެނދުނު 10:00 އިން މެންދުރުފަހު 1:00 އަށެވެ.

އޮންލައިންކޮށް ފިތުރު ޒަކާތް ދެއްކޭނެ ގޮތް

  • ދިރާގުޕޭ
  • އެސްއެމްއެސް
  • އުރީދޫގެ އެމްފައިސާ
  • އެމްއައިބީގެ ފައިސާ މޯބައިލް
  • ބީއެމްއެލް ޕޯޓަލް
  • ފަހި ޕޭ

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ރޯދަ މަހުގެ 28 ވަނަ ދުވަހާ ހަމައަށެވެ. ޒަކާތް ބެހުމަށް ހަމަޖައްސާފައިވަނީ ރޯދަ މަހުގެ 29 ވަނަ ދުވަހު އެވެ.

ޒަކާތުގެ ފައިސާ ލިބޭ ފަގީރުންގެ ލިސްޓް އާންމުކޮށްފައިވާއިރު މިއަހަރުގެ ފަގީރުންގެ ލިސްޓްގައި 8،984 މީހުން ހިމެނެ އެވެ. މިދިޔަ އަހަރު ފަގީރުންގެ ލިސްޓްގައި ތިބީ 7،778 މީހުންނެވެ.