ޕީޕީއެމް

އިންޑިއާގެ މުސްލިމުންނަށް އަނިޔާކުރުން ކުށްވެރިކުރަން ގޮވާލައިފި

Apr 16, 2022
1

އިންޑިއާގެ މަދްޔަޕްރަދޭޝްގައި މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ސަރުކާރުން ހިންގަމުން ގެންދާ ލާއިންސާނީ އަމަލުތަކާއި ދެކޮޅަށް ސަރުކާރުން ކުށްވެރިނުކުރާތީ އިދިކޮޅު ޕީޕީއެމް / ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އިންޑިއާގެ މަދްޔަޕްރަދޭޝް ގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެން، އެ އަވަށުގެ ހޯމް މިނިސްޓަރުގެ އަމުރަށް އެ ހަމަނުޖެހުމުގައި ބައިވެރިވި ކަމަށް ބުނާ މުސްލަމުންގެ އެތައް ބަޔަކު ގާނޫނާއި ހިލާފަށް ހައްޔަރުކޮށް އެހިސާބުގައި ދިރިއުޅޭ މުސްލިމުންގެ ގެދޮރަށާއި މުދަލަށް ގެއްލުން ދޭތީ އެކަން ހަރުކަށިކޮށް އެ ކޯލިޝަނުން ކުށްވެރި ކުރާ ކަމަށެވެ.

މި ހަމަނުޖެހުމުގައި ހިންދޫންގެ ދީނީ ހަފްލާއެއް ފާހަގަކުރުމަށް ހިންދޫން ހިންގި ހަރަކާތެއްގެ ތެރޭގައި އެސަރަހައްދުގެ މިސްކިތްތަކުގަ އަޅުކަން ކުރަން ތިބި މުސްލިމުންނަށް އުނދަގޫކޮށް ހިންގި ހަމަނުޖެހުމުގައި މުސްލިމުން ބައިވެރިވި ކަމަށް ތުހުމަތުކޮށް އެމީހުންނަށް އަނިޔާ ކުރަމުން އަންނަ ކަމަށް އެ ކޯލިޝަނުން ބުންޏެވެ.

އަދި މުސްލިމުންނަށް އަނިޔާދީ މިސްކިތްތަކާއި މުސްލިމުންގެ ގެދޮރުގެ ހުރުމަތް ކަނޑާ ގެއްލުން ދިނުމުގެ ގޮތުން ހިންދޫ ޖަމާއަތްތަކުން ހިންގަމުން ގެންދާ ކަންތައްތަކަށް އިންޑިއާގެ ސަރުކާރާއި ފުލުހުން ބައިވެރިވެ، އެކަންކަން ކުރުމަށް ހިތްވަރު ދެމުން ގެންދާކަން ފާހަގަކުރެވިފައިވާ ކަމަށް ވެސް ބަޔާންކޮށްފައިވެ އެވެ.

މިހުރިހާ ކަމެއް ހިނގަމުންދާއިރު ސަރުކާރުން ބަހެއް ނުބުނެ އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ވެސް އެ ޕާޓީ އިން ވަނީ ބުނެފަ އެވެ. އަދި އެ އަމަލުތަކާއި ދެކޮޅަށް ދިވެހި ސަރުކާރުން އަޑު އުފުލުމާއެކު، ބައިނަލްއަގްވާމީ ފަރާތްތަކުގެ ސަމާލުކަމަށް މިކަންކަން ގެނައުމުގައި ދިވެހި ސަރުކާރު އިސް ނެގުމަށް ވެސް އެ މިކޯލިޝަނުން ވަނީ ގޮވައިލައިފަ އެވެ.