ދިވެހިންގެ ގޯތީގެ ވަށާފާރުން އެތެރެއަށް ފުންމާލައިގެން ނުދާހާ ހިނދަކު ކޮންމެ ގައުމަކާވެސް ގާތްގުޅުމެއް ބާއްވާނެ ކަމަށް ވިދާޅުވެ ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ބަހުގެ ހަމަލާއެއް ދެއްވައިފި އެވެ.
މުއިއްޒުއާއި އޭނާ ނިސްބަތްވާ ޕީޕީއެމް ޕީއެންސީ ކޯލިޝަނަކީ އިންޑިއާއާ ދެކޮޅަށް ރާއްޖޭގައި ސިލްސިލް މުޒާހަރާތަކެއް ކުރަމުންދާ ސިޔާސީ ފަރާތްތަކެކެވެ. އެކަމަކު ރިޔާސީ ކެމްޕޭން ފެއްޓެވި ފަހުން މުއިއްޒު ގެންދަވަނީ ވެރިކަން ލިބިވަޑައިގެންފިނަމަ "އިންޑިއާ ފަސްޓް" ޕޮލިސީ ގެންގުޅުއްވާނެ ކަމަށް ވިދާޅުވެ އިންޑިއާ ރުއްސަން މަސައްކަތް ކުރައްވަމުންނެވެ.
ސަންގު ޓީވީގެ ބަހުސްގައި މުއިއްޒުގެ ހާރިޖީ ސިޔާސަތާ ގުޅޭގޮތުން ދެއްކެވި ވާހަކަފުޅުގައި މުއިއްޒު މިރޭ ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިންގެ ގޯތީގެ ވަށާފާރުން ނާރާހާ ހިނދަކު ކޮންމެ ގައުމަކާވެސް ގާތްގުޅުމެއް ބާއްވާނެ ކަމަށެވެ.
އިންޑިއާގެ ނަން ވިދާޅުނުވި ނަމަވެސް ބަހުސް ހުށަހެޅި ފަރާތުގެ ސުވާލަށް ބަލާއިރު މުއިއްޒުގެ މި ވާހަކަ އަމާޒުކުރެއްވީ އިންޑިއާއަށް ކަމަށް ބެލެވެ އެވެ. މުއިއްޒު ނިސްބަތްވާ ކޯލިޝަނުން ގެންދަނީ އިންޑިއާ އިން ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަމުންދާ ކަމަށް ތުހުމަތުކުރަމުންނެވެ.
"އަޅުގަނޑުމެންގެ ވެރިކަމެއްގައި އެއްވެސް ގައުމަކާ ރުޅިވެރިކަމެއް ނޯންނާނެ. އަދި އެއްވެސް ގައުމަކާ ދެކޮޅެއްވެސް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އޭނާގެ ވެރިކަމެއްގައި ދިވެހިންގެ މިނިވަންކަމާއި، ދިވެހިންގެ އަމިއްލަވަންތަކަމާއި، ބަސްބުނުމުގެ ސިޔާސަތު އަދި އިސްތިގުލާލު ހިމާޔަތް ކުރުމަށް އިސްކަންދެއްވާނެ ކަމަށެވެ. އެކަމަށް އިހްތިރާމު ކުރާ ކޮންމެ ގައުމަކީ ހާރިޖީ ސިޔާސަތުގައި ބައިވެރިޔަކަށް ވާނެ ކަމުގައި ވިދާޅުވި އެވެ.
ރާއްޖޭގެ ހާރިޖީ ސިޔާސަތު ބައްޓަން ކުރާނީ ދިވެހިން ކޮންމެ ކަމެއްގައިވެސް އިސްކޮށް ދިވެހިންނަށް ފައިދާވާނެ ގޮތަށް ކަމުގައިވެސް މުއިއްޒު ވިދާޅުވި އެވެ. އަދި މި ސިޔާސަތުގެ ދަށުން ފައިދާ ވާނީވެސް، ވާންޖެހޭނީވެސް ދިވެހިންނަށް ކަމަށާއި އެހެން ގައުމަކަށް އިސްކަން ދެވޭނީ ދިވެހިންނަށް ފަހުގައި ކަމަށް ތަކުރާރުކޮށް ވިދާޅުވި އެެވެ.
އިތުރަށް މުއިއްޒު ވިދާޅުވީ ރާއްޖެ އަކީ ކިތަންމެ ކުޑަ ގައުމަކަށްވީ ނަމަވެސް މިގައުމަށް އިހުތިރާމްކުރަންޖެހޭނެ ކަމަށާއި އެއީ ހިފަހައްޓަވާނެ ސިޔާސަތެއް ކަމަށެވެ.