ކުރިއަށް އޮތް 2023 ގައި އެމްޑީޕީގެ ސަރުކާރެއް ނޯންނާނެ ގޮތަށް ބަޔަކު މަސައްކަތް ކުރަމުންދާ ކަމަށާ ނަމަވެސް އެ މަސައްކަތް ބޮޑުތަނުން ފެއިލް ކޮށްލާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ކަމަށް ވާދަކުރައްވާ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް މިރޭ ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި "ހިންގާލަން" ކެމްޕެއިން ޖަގަހަ ހުޅުވުމަށް މިރޭ ބޭއްވި ހަރަކާތުގައި ފައްޔާޒް ވަނީ އޭނާއާ ވާދަކުރައްވާ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީއަށް ރައްދު ދެއްވާފަ އެވެ. ކެމްޕެއިން ޖަލްސާއެއްގައި އިންތި ވަނީ އެމްޑީޕީއަށް ޗެއާޕާސަން ހޮވަން އުޅެނީ ދޮޅު އަހަރަކަށް ނޫން ކަމަށާ ކުރިއަށް އޮތީ ވަޒީރުންގެ މެދުގައި އޮންނަ ރީތީގެ މުބާރާތެއް ނޫން ކަމަށް ކަމަށް ވިދާޅުވެ ފައްޔާޒަށް ފާޑުވިދާޅުވެފައެވެ.
އެމްޑީޕީއަށް ޗެއާޕާސަން ހޮވަން އުޅެނީ ދޮޅު އަހަރަކަށް ނޫން ކަމަށް އިންތި އިޝާރާތް އެ ކުރައްވަނީ މި ސަރުކާރަށް ދެން އޮތް ބާކީ މުއްދަތަށެވެ.
އިންތިގެ ޓީމުން މަސައްކަތް ކުރަނީ ސަރުކާރު ބަދުނާމުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ގެއްލޭނެ މަގުން ކަމަށް ފައްޔާޒުގެ ކެމްޕެއިން ޓީމުން ބުނެއެވެ. އެ ވާހަކަތައް ތަކުރާރު ކުރައްވާ ފައްޔާޒް ވިދާޅުވީ 2023 ގައި އޮންނަން ޖެހޭނީ އެމްޑީޕީގެ ސަރުކާރެއް ކަމަށާ އެކަން އެހެން ނުވެއްޖެނަމަ 2013 އިން 2018 އަށް ތަހަންމަލު ކުރި ހާލަތަށް ވުރެ މާ ގޯސް ހާލަތަކަށް ރާއްޖެ ދާނެ ކަމަށެވެ. އެކަމަށް ފުރުސަތު ދެއްވައިގެން ނުހުންނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.
އޭގެ ފަހުން ވާދަވެރި ކެންޑިޑޭޓަށް އިޝާރާތް ކުރައްވާ ވިދާޅުވީ އެމްޑީޕީގެ ސަރުކާރެއް ނޯންނާނެ ގޮތަށް ކުރަމުންދާ މަސައްކަތް ބޮޑުތަނުން ފެއިލްކޮށްލާނެ ކަމަށެވެ.
"އަޅުގަނޑުމެންނާ ދިމާއަށް ކޮންމެ އެއްޗެކޭ ކީ ކަމުގައިވިޔަސް އަދި އަޅުގަނޑުމެންގެ ބޮލުގައި ކޮންމެ އިލްޒާމެއް އެޅުވި ކަމުގައިވިޔަސް އެ ފުރުސަތު އެއްވެސް ބަޔަކަށް އަޅުގަނޑުމެން ދޭކަށް ނެތީން، 2023 ގައި އެމްޑީޕީގެ ސަރުކާރެއް ނޯންނާނެ ގޮތަށް ކުރާ މަސައްކަތް އަޅުގަނޑުމެން ބޮޑުތަނުން ފެއިލް ކޮށްލާނަން،" ފައްޔާޒް ވިދާޅުވިއެވެ.
ސަރުކާރާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީއާ އޮތް ގުޅުން ވަރަށް ބޮޑަށް ބަދަހިވާން ޖެހޭ ކަމަށާ އެ ގުޅުން ވަރަށް ކުޑަ ކަމަށްވެސް ފައްޔާޒް ވިދާޅުވިއެވެ. ފައްޔާޒު ވިދާޅުވީ 2023 އެމްޑީޕީއަށް ލިބޭނީ ޕާޓީގެ މެންބަރުން ވަރަށް ހަރަކާތްތެރި ބަޔަކަށް ވެގެން ކަމަށެވެ. ރާއްޖޭގެ ގިނަ ރަށްތަކަށް ދަތުރުކުރެއްވުނުއިރު އެމްޑީޕީގެ ހަރަކާތްތައް ފެންނަނީ މަޑުޖެހިފައިވާ މަންޒަރު ކަމަށާ ޕާޓީގެ ހަރުތައް ހުރީ ދޫކޮށްލެވިފައި ކަމަށެވެ. އެއީ އެމްޑީޕީގެ ރަސްމީ އޮފީހާއި ރަށްރަށުގެ ގޮފިތަކާއި އޮތް ގުޅުން ކުޑަވުމުގެ ސަބަބުން ދިމާވެފައިވާ ހާލަތެއް ކަމަށްވެސް ވިދާޅުވިއެވެ.
ޗެެއާޕާސަން ކަމަށް އިންތިހާބު ކޮށްދެއްވައިފިނަމަ އެކަންކަން ބަދަލު ކުރައްވާ އެމްޑީޕީގައި ކުރީން އޮތް ޖޯޝާއި ފޯރި އަލުން ގެނެސްދެއްވާ މެންބަރުންނަށް ފުރުސަތުތައް ފަހިކޮށްދެއްވާ މެންބަރުން ހަރަކާތްތެރި ބަޔަކަށް ހައްދަވާނެ ކަމަށް ވިދާޅުވިއެވެ. އަދި 2023 ލިބެން އޮތީ ސަރުކާރާއި ޕާޓީގެ ގުޅުން ވަރަށް ބޮޑަށް ހަރުދަނާ ވެގެން ކަމަށް ވިދާޅުވިއެވެ. އެމްޑީޕީ އާއި ސަރުކާރާ ގުޅުމެއް ނެތި ކިތަންމެ މަސައްކަތެއް ކުރިނަމަވެސް 2023 ގައި ކާމިޔާބު ހޯދެން ނެތް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނޭ 2023 ހިފޭތަނެއް، ޕާޓީގެ މެންބަރުން އެކްޓިވް ވެގެން ނޫނީ. ޕާޓީ މެންބަރުން އެކްޓިވްވެ ޕާޓީއާ މެންބަރުންނާ ދެމެދު އޮތް ގުޅުން ބަދަހިވެގެން ހަމަ އެ ގޮތަށް އެ ގުޅުމާ އެއްކޮށް ސަރުކާރާ ޕާޓީ [އެމްޑީޕީ] އާވެސް ގުޅުން ބަދަހިވެގެން ނޫނިއްޔަކާ 2023 ހިފޭތަނެއް އަޅުގަނޑަށް ނުފެނޭ، ކިތަންމެ މަސައްކަތެއް ކުރިޔަސް އެނގޭތޯ،" ފައްޔާޒު ކުރީން ވިދާޅުވިއެވެ.
ޗެެއާޕާސަން ހޮވުމުގެ އިންތިހާބުގައި ފައްޔާޒު ކެމްޕެއިން ކުރައްވާ އެމްޑީޕީ "ހިންގާލަން" މި ޝިއާރުގެ ދަށުންނެވެ. ސަރުކާރުގެ ވެރީންނާއި ކުންފުނިތަކުގެ ވެރީން އަދި ރައްޔިތުންްގެ މަޖިލީހުގެ އެމްޑީޕީގެ ގިނަ މެންބަރުންނާއި ގައުމީ މަޖިލީހުގެ ގިނަ މެންބަރުންގެ ތާއީދުވެސް އޮތީ ފައްޔާޒަށެވެ.
މި އިންތިހާބުގައި ފައްޔާޒްއާ ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސްޕޯކްސްޕާސަން އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ އެވެ. އިމްތިޔާޒާއެކު ބޮޑަށް ފެންނަނީ އެ ޕާޓީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ ބޭފުޅުންނާއި އެމަނިކުފާނަށް ވަފާތެރި މަޖިލީސް މެންބަރުންނާއި ގައުމީ މަޖިލީހުގެ މެންބަރުންނެވެ.