ދުނިޔެ

2،500 މަރަށްފަހު ގިނީ އިން އެބޯލާ ނައްތާލެވިއްޖެ

އެބޯލާ ޖެހިގެން 2،500 މީހުން މަރުވި ފަހުން ގިނީ އިން އެބޯލާ ނައްތާލެވި ހުޅަނގު އެފްރިކާގެ ގައުމުތަކުން އެބޯލާ ނައްތާނުލެވޭ ހަމައެކަނި ގައުމަކީ ލައިބީރިއާ އަށް ވެއްޖެ އެވެ.

އދ. ގެ ވޯލްޑް ހެލްތް އޯގަނައިޒޭޝަން އައި ކަމާބެހޭ އިދާރަތައް އަދި ގިނީގެ ވެރިރަށް ކަމުގައި ކޮނަކްރީގައި ދިރިއުޅޭ އެންމެހާ ރައްޔިތުން ގުޅިގެން އެގައުމުން އެބޯލާ ނައްތާލެވުމުން އެކަން މިއަދު، ފާހަގަކޮށް އުފާ ފާޅުކޮށްފައިވެ އެވެ.

އަދި އެބޯލާ ނައްތާލުމަށް އެހީތެރިވެދިން އެންމެފާ ފަރާތްތަކާއި އަދި އެންޖީއޯތައް ގުޅިގެން މާދަމާ ހާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވެސް ވަނީ ނިންމާފަ އެވެ. އަދި އެ ރަސްމިއްޔާތުގައި އެބޯލާ ޖެހުނު މީހުންނަށް ފަރުވާ ކުރަމުންދަނިކޮށް މަރުވި 115 ހެލްތް ވޯކަރުންނާއި އެބޯލާ އެވެއާނެސް ޓީމުން މަރުވި އަށް މެންބަރުންގެ ހަނދާނުގައި ޓްރިބިއުޓެއް ދޭން ވަނީ ނިންމާފަ އެވެ.

އެބޯލާ ވައިރަސްގެ ސަބަބުން ގިނީގެ އިގްތިސާދު އަދި ތައުލީމީ ދާއިރާވަނީ ވަރަށް ބޮޑަށް ހީނަރުވެފަ އެވެ.

އެބޯލާގެ ސަބަބުން ގިނީގައި 6،200 ކުޑަކުދިން ވަނީ ޔަތީމުވެފަ އެވެ. ޑަބްލިއުއެޗްއޯގެ ރިޕޯޓުތަކުން ދައްކާގޮތުގައި އެބޯލާ ޖެހިގެން ޖުމްލަ 11،300 މީހުން މަރުވި އެވެ.

ބޯލާ އިން ސަލާމަތްވެއްޖެ ކަމަށް ކަނޑައަޅަނީ މި ބަލި ފެތުރެމުން ދިޔަ ގައުމަކުން ބަލީގެ އިތުރު ކޭސްތަކެއް ފެންމަތިނުވެ 42 ދުވަސް ހަމަވާ ހިސާބުންނެވެ. ގިނީ އިން އެބޯލާގެ އާ މައްސަލަތަކެއް ފެންމަތިނުވާތާ މިހާރު 40 ދުވަހަށް ވުރެ ގިނަ ދުވަސްވީ އެވެ.