ފެން ކުންފުނި، އެމްޑަބްލިޔުއެސްސީ އިން އދ. ހަންޏާމީދޫގައި ގާއިމް ކުރާ ފެނުގެ ނިޒާމްގެ މުޅި މަޝްރޫއުގެ 80 ޕަސެންޓް ނިމިފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.
އެމްޑަބްލިޔުއެސްސީ އިން މިއަދު ބުނީ ހަންޏާމީދޫގެ ފެނުގެ ނިޒާމްގައި ހިމެނޭ 4.91 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ މަސައްކަތްތަކާއި، ބޯހޯލް ތޮރުފުމުގެ މަސައްކަތްތަކާއި، އާރްއޯ ޕްލާންޓް ފެބްރިކޭޓް ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި ފެން ރައްކައުކުރާ ތާނގީގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ވެސް މިހާރު ނިމިފައިވާ ކަމަށެވެ.
މި މަސައްކަތުގެ ދަށުން، ފެން ރައްކާކުރުމަށް ތިން ތާނގީ ބެހެއްޓުމުގެ މަސައްކަތްތައް މިހާރު ފަށައިފައިވާ ކަމަށް އެކުންފުނިން ބުންޏެވެ. އަދި ފެން ޕްލާންޓް ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ ބޮޑުބައި ވެސް ނިމިފައިވާ ކަމަށެވެ.
މީގެ އިތުރުން ފެން އުފެއްދުމަށް ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ގޭގެގައި ފެންމީޓަރު ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދިނުމާއި, ފެނުގެ ނިޒާމް ހިންގާ ބެލެހެއްޓުމަށް ބޭނުންވާ ޖަނަރޭޓަރު ސެޓާއި އަދި ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށް ވެސް އެކުންފުނިން ބުންޏެވެ.
މި މަޝްރޫއުގެ އަގަކީ 21.65 މިލިއަން ރުފިޔާ އެވެ.