ރައްޔިތުންގެ މަޖިލިސް

މަޖިލީހަށް އަހުލުވެރިކުރުވާ ޕްރޮގްރާމުގައި ބައިވެރިވާން ހުޅުވާލައިފި

Apr 19, 2022

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ "ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެން" ހަރަކާތުގައި ބައިވެރިވާން ހުޅުވާލައިފި އެވެ.

ޔޫއެންޑީޕީ މޯލްޑިވްސް އާއި އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑާ ގުޅިގެން ކުރިއަށް ގެންދާ މި ޕްރޮގްރާމުގެ ދެވަނަ ބެޗް ކުރިއަށް ގެންދަން ނިންމާފައިވަނީ އަންނަ މަހުގެ 22 އިން 28 އަށެވެ.

މިހަރަކާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ އުމުރުން 25 އަހަރުން މަތީގެ މީހުން ފޯމް ފުރިހަމަ ކުރުމަށް ފަހު މިމަހުގެ 30 ވަނަ ދުވަހުގެ ކުރިން މަޖިލީހުގެ އިދާރާ އަށް ފޯމް ހުށަހަޅަންޖެހެ އެވެ.

ޕްރެކްޓިސް ޕާލިމެންޓަކީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ބުނެދީ، ޒުވާނުންނާއި އަންހެނުން މަޖިލީހުގެ މަސައްކަތްތަކަށް ކުރިމަތިލާން ހިތްވަރު ދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތިންވަނަ ބެޗުގައި ބައިވެރިވާން އޮގަސްޓް މަހު ހުޅުވާލުމަށް ވެސް މަޖިލީހުން ވަނީ ނިންމާފަ އެވެ.

މިހަރަކާތުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ސިޔާސަތުތަކާއި މަޖިލީހުގެ މަސައްކަތްތައ ކުރިއަށްދާ ގޮތުގައި މައުލޫމާތު ދިނުމާއި ރައްޔިތުންގެ މަޖިލީހުގެ ނަމޫނާ މާދިރީއެއް ހުށަހެޅުމެވެ. މިހަރަކާތުގައި ބައިވެރިވުމަށް 40 ފަރާތެއް ހޮވުމަށް ހަމަޖައްސާފައި ވަނީ ކުރިމަތިލާ ފަރާތްތަކާ ފޯނުން އިންޓަވިއުކުރުމަށް ފަހު އެންމެ މަތިން ޕޮއިންޓް ހޯދާ މީހުނެވެ.

ޕްރެކްޓިސް ޕާލިމެންޓް ފޯ ވިމެންގެ ފުރަތަމަ ބެޗްގައި ފަސް އަތޮޅަކުން ޖުމްލަ 48 މީހަކު ބައިވެރިވެފައިވެ އެވެ.