ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ބެނާތައް ދަމަން ފެށުމުން އެކަމާ ހިތްޕުޅު ހަމަޖެހިވަޑައި ނުގެން އެކަން ހުއްޓުވަން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދެއްކެވުމުން އެ މަނިކުފާނުގެ ސެކިއުރިޓީ އަށް ކޮންމެ ދުވަހަކު އެތައް ވަގުތެއް ވަންދެން ގަލޮޅު، ކެނެރީގެ ގޯޅި ބަންދު ކުރާ މައްސަލައިގެ ޝަކުވާ ބޮޑު ކޮށްލައިފި އެވެ.
ރައީސް ނަޝީދުގެ އާއިލީ ގެކޮޅު ކެނެރީގެއަށް އެ މަނިކުފާނު ވަޑައިގަންނަވަނީ މަންމާފުޅާއި އާއި ބައްޕާފުޅު އެ ގޭގައި ދިިރިއުޅުއްވާތީ އެ ދެ ބޭފުޅުންނާއި ބައްދަލު ކުރެއްވުމަށެވެ. އެމަނިކުފާނު އެ ގެއަށް ވަޑައިގަތުމުން ސިފައިންގެ ވެހިކަލެއް އެ ގޯޅީގައި ބާއްވާ އެ ގޯޅިއަށް އެހެން ވެހިކަލްތައް ވަނުން މަނާ ކުރެއެވެ. ކޮންމެ ދުވަހަކުހެން ކެނެރީގެއަށް ނަޝީދު ވަޑައިގަންނަވަ އެވެ. އަދި ބައެއް ދުވަސް ދުވަހު އެތައް ގަޑިއިރެއް ވަންދެން އެ ގޭގައި ހޭދަ ކުރައްވައެވެ.
އެ ހުރިހާ ވަގުތަކު އެ ގޯޅި އޮންނަނީ ބަންދު ކޮށްފަ އެވެ. އެކަމާ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުން ވަރަށް ބޮޑަށް ޝަކުވާ ކުރާތާ އެތައް ދުވަހެއް ވެއްޖެ އެވެ. އަދި އެ ކަމުގެ ސަބަބުން އެ ސަރަހައްދުގެ ޓްރެފިކަށް ބާރު ބޮޑުވެ އާންމުންނަށް އެތައް އުނދަގޫތަކާ ވެސް ކުރިމަތި ވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބާލަން ގޮވާލައި މާލޭގެ އިމާރާތްތަކުގައި ބެނާތައް ދަމަން ފެށުމުން އެކަމާ ހިތްޕުޅު ހަމަޖިވަޑައި ނުގެން އެކަން ހުއްޓުވަން ނަޝީދު އެދިވަޑައިގަތުމުން އާންމުންގެ އެތައް ބަޔަކު ވަނީ ބެނާތައް ދެމުން ހުއްޓުވުމުގެ ކުރީން ކެނެރީގެ ގޯޅީގެ މައްސަލަ ހައްލުކޮށް ދެއްވުން ރަނގަޅު ކަަމަށް ބުނެފަ އެވެ.
"މަނިކުފާނު އެންމެ ފުރަތަމަ ހުއްޓުވަންވީ ކަމަކީ ކެނެރީގެ ގޯޅީގެ މައްސަލަ. ކޮންމެ ދުވަހަކު ހަތަރު ފަސް ގަޑިއިރު ވަންދެން އެ ގޯޅި ބަންދު ކުރުން ހުއްޓުވައި ދެއްވާ،" އާންމުން ޓްވިޓާގައި ލިޔެފައި އޮތެވެ.
އެކަމާ ގުޅޭގޮތުން ޝުއޫރުފާޅުކުރި ބައެއް މީހުން ވަނީ ބެނާ ދަމައިގެން ރައްޔިތުންނަށް ނުވާ އުނދަގޫ ކެނެރީ ގޯޅި ބަންދު ކުރާތީ ވާ ކަމަށް ބުނެފަ އެވެ. އަދި އެކަން ހައްލު ކޮށްދެއްވުމަށް ފަހު ދެން ހުރި މައްސަލަތަކުގެ ވާހަކަ ދެއްކެވުމަށެވެ.
"ކެނެރީގެ ގޯޅި ބަންދުކޮށްގެން ކޮންމެ ދުވަހަކު ސުކޫލުތައް ނިމޭ ގަޑީގައި ރައްޔިތުންނަށް ކުރާ ދުއްތުރާ ހުއްޓާލުން މާ ރަނގަޅުވާނެ. ބެނާ ދަމައިގެން ރައްޔިތުންނަށާއި އާންމުންނަށް އުނދަގުލެއް ނުކުރޭ،" އެހެން މީހަކު ފޭސްބުކްގައި ލިޔެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ސިފައިން ދެމުން ގެންދާ ސެކިއުރިޓީގެ ސަބަބުން އާންމުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުމުން މާފަށް އެދިވަޑައިގަންނަވާ ކަމަށާ ނަމަވެސް ދިރިހުރުމަށް އެދިވަޑައިގަންނަވާތީ ސަލާމަތާއި ރައްކާތެރިކަން އެމަނިކުފާނު ވެސް ބޭނުންވާ ކަމަށް ނަޝީދު ކުރީން ވަނީ ވިދާޅުވެފައެވެ.
މެއި ހައެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ރައީސް ނަޝީދުގެ ސެކިއުރިޓީ ވަނީ ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ. އެމަނިކުފާނު މިހާރު ދިރިއުޅުއްވާ މުރައިދޫގެއަށް ބަދަލުވެވަޑައިގެންނެވުމުގެ ކުރީން ހުންނެވީ އަގު ބޮޑު ހޮޓެލް ޖެންގަ އެވެ. ޖެންގައި ހުންނެވުމަށް ދުވާލަކަށް 33،000 ރުފިޔާ ވަނީ ހަރަދު ކުރައްވާފަ އެވެ.
މުރައިދޫގައި ހުންނެވި ނަމަވެސް ރައީސް ނަޝީދު އެމަނިކުފާނުގެ މައިންބަފައިން ދިރިއުޅުއްވާ ކެނެރީގެއަށް ވަޑައިގަންނަވާ ވަގުތާއި ދިމާކޮށް ކެނެރީގެ ހިމެނޭ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަ ކޮށް އާންމުންނަށް ނުވަދެވޭހެން ބޮޑު ސަރަހައްދެއް ބަންދުކުރާތީ އާންމުން ކުރަމުން ދިޔަ ޝަކުވާ މީޑިއާގެ ސަމާލު ކަމަށް ގެންނައުމަށް މަޝްހޫރު އެތުލީޓް ހުސެއިން ހަލީމް (ކުޑަ ހުސެން) ވަނީ ވަރުގަދަ ޕޯސްޓެއް ވެސް ކޮށްފައެވެ.