ޕީޕީއެމްއާއި އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނާ އެކު ސިޔާސީ ވާހަކަދައްކަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލެއްވުމުގައި ދެމިހުންނަވާނެ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ގދ. ދެއްވަދޫގައި މިއަދު ކުރިއަށް ގެންދިޔަ ދަ ޑިމޮކްރެޓްސްގެ ކެމްޕޭން ޖަލްސާއެއްގައި ވާހަކަދައްކަވަމުން ޕީޕީއެމްއާއި ރައީސް ޔާމީނާ ގުޅޭގޮތުން ނަޝީދު ވާހަކަދައްކަވާފައި މިވަނީ ރައީސް ޔާމީނަށް މިހާރު ލިބެމުންދާ އަނިޔާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު އެއްވަރަށް ހިއްސާވާ ކަމަށް ރައީސް ޔާމީންގެ ގާނޫނީ ޓީމުން ބުނުމާ ގުޅިގެންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 13 އަހަރަށް ޖަލަށް ލުމަކީ އަނިޔާ ކަމަށާއި ނަމަވެސް އެ އަނިޔާގެ ވާހަކަ އެމަނިކުފާނު ދައްކަވަން ބޭނުން ނުވާ ކަމަށެވެ.
އަޅުގަނޑަށް ލިބުނު ގެއްލުމާއި ލިބުނު ހިތާމަ އާއި އެކަނިވެރިކަމުގެ ވާހަކަ އަޅުގަނޑަށްވެސް ދެއްކޭނެ. އެކަމަކު އެވާހަކަތައް އަޅުގަނޑުމެން ދައްކާކަށް ނެތިން،" ނަޝީދު ވިދާޅުވި އެވެ.
އިންސާނަކަށް އަނިޔާއެއް ލިބުމުން ބަދަލު ހިފުމުގެ ރޫހު ހުންނާނެ ކަމަށާއި އެމަނިކުފާނާ ހަމައިންވެސް އެކަން އޮތީ އެގޮތަށް ކަމުގައި ނަޝީދު ވިދާޅުވި އެވެ. އެކަމަކު އިންސާނުން އެހެން މަހްލޫގުންނާއި ތަފާތުވަނީ ވިސްނުން އިސްކޮށް ބަދަލު ނުހިފުމުން ކަމުގައި ވިދާޅުވި އެވެ.
"ހަގީގީ އިންސާނަކަށް ޖަނަވާރުކަމުގެ ސިފައެއް އިންސާނީ ސިފައަށް މި ބަދަލުވެވެނީ ޖެހީމާ ނުޖަހާ ހުރުމުން،" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ވެރިކަން ކުރައްވާ ކޮންމެ ބޭފުޅަކު ޖަލުގައި ހުންނެވުމަކީ ގަބޫލުކުރައްވާ ކަމެއް ނޫން ކަމަށެވެ. އެހެންކަމުން ރައީސް ޔާމީން މިނިވަންކުރުމުގެ މަސައްކަތުގައި އަދި އެކަމަށް ގޮވާލުމުގައި ދެމިހުންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ނަޝީދު ވަނީ އެމަނިކުފާނު އިންސާނީ ހައްގުތަކުގެ ދިފާއުގައި ދައްކަވާ ވާހަކަތަކަށް ޕީޕީއެމްގެ ވެރިން ސިޔާސީ ގޮތުން ވާހަކަ ނުދެއްކުމަށްވެސް އެދިވަޑައިގެންފަ އެވެ.