ކުރީގެ ރައީސް އަބްދުﷲ ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފުދުން ނޭދޭނެ ކަމަށް އެ ވަފުދުން ބުނެފި އެވެ.
ރިޔާސީ އިންތިހާބު އޮބްޒާވް ކުރުމަށްޓަކައި ރާއްޖެ ވަޑައިގެންނެވި އީޔޫ ވަފުދުގެ އަރިހުން ރައީސް މުހައްމަދު ނަޝީދު ވަނީ ޔާމީން ގޭބަންދަށް ބަދަލުކޮށްދިނުމަށް މިދިޔަ އަންގާރަ ދުވަހު އެދިވަޑައިގެންފަ އެވެ.
އީޔޫ ވަފުދުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ވަފުދުގެ ޗީފް އޮބްޒާވަރު ޔޫރަޕިއަން ޕާލަމެންޓުގެ މެންބަރު ނާޗޯ ސަންޗޭޒް އަމޯރް ވިދާޅުވި ނަޝީދު އެދިވަޑައިގެންނެވި ނަމަވެސް ރައީސް ޔާމީން ގޭބަންދަށް ބަދަލުކުރުމަށް ވަފުދުން ނޫޅޭނެ ކަމަށެވެ.
ނާޗޯ ވިދާޅުވީ އެ ވަފުދުން ޝަރުއީ ދާއިރާގެ ކަންކަމުގެ ތެރެއަށް ވަދެ އެކަންތަކުގައި ބަސް ނުބުނާނެ ކަމަށެވެ. ޔާމީނުގެ މައްސަލަ އޮތީ ކޯޓުގައި ކަމަށާއި ޖުޑިޝަރީގެ އެއްވެސް ކަމަކަށް އެ ވަފުދުން ބަސް ނުބުނާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނަޝީދު އީޔޫ ވަފުދުގެ އެހީތެރިކަމަށް އެދިވަޑައިގެންނެވީ އިންސާފުވެރި، މިނިވަން އިންތިހާބެއް ބޭއްވުމަށްޓަކައި ކަމަށް ނަޝީދު ވިދާޅުވި އެވެ. ނަޝީދު ވަނީ ޔާމީނު މިނިވަންކުރުމަށް އެކިފަހަރު ގޮވާލައްވާފަ އެވެ.
ރައީސް ޔާމީން މިނިވަން ކުރުމަށް ޕީޕީއެމް-ޕީއެންސީގެ ލީޑާޝިޕުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ރިޔާސީ އިންތިހާބުގެ ކެމްޕޭނުގެ ތެރެއިން ގދ. ގައްދޫގައި ބޭއްވި ޑިމޮކްރެޓްސްގެ ޖަލްސާގައި ނަޝީދު މީގެކުރިން ވިދާޅުވި އެވެ. އަދި ޑިމޮކުރެޓްސް އާއި އެކުގައި މަސައްކަތް ކުރުމަށް ކޯލިޝަން އެއްބަސްވުމެއްގައި ޕީޕީއެމް އިން ސޮއި ކުރާތާ ހަފްތާއެއްގެ ތެރޭގައި ޔާމީން ގޭބަންދަށް ބަދަލު ކޮށްދޭނެ ކަމަށްވެސް ނަޝީދު ކުރިން ވިދާޅުވެފައިވެ އެވެ.
ރައީސް ޔާމީން ޖަލުގައި ހުންނަވާތާ މިހާރު 1،000 ދުވަހަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. އެމަނިކުފާނު 11 އަހަރަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ ވ. އާރަށް ކުއްޔަށް ދިނުމުގައި ހިޔާނާތުގެ އަމަލުތަކެއް ހިންގެވިކަން ސާބިތުވުމާ ގުޅިގެންނެވެ.