ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހް ހިންނަވަރަށް ވަޑައިގެންފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ޅ. ހިންނަވަރަށް ވަޑައިގެންފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދެންމެ ބުނީ އެމަނިކުފާނު ހިންނަވަރަށް ވަޑައިގެންނެވީ ނުރަސްމީ ދަތުރުފުޅެއްގައި ކަމަށެވެ. އެހެން ކަމުން ދަތުރުފުޅުގެ އެއްވެސް ތަފްސީލެއް ނުދެއްވައެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހުމަދު ބައިވެރިވެވަޑައެއް ނުގަންނަވައެވެ.

ހިންނަވަރަކީ ރައީސް ސޯލިހްގެ އުފަން ރަށެވެ. މިއަހަރުގެ ފެބްރުއަރީގައިވެސް އެމަނިކުފާނު ވަނީ ހިންނަވަރަށް ވަޑައިގެންފައެވެ. އެއީ ޅ އަތޮޅުގެ ރަށްތަކަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގެ ތެރެއިންނެވެ.

އެގޮތުން ޅ. މަޑިވަރާއި ހިންނަވަރާއި ފެލިވަރާއި ނައިފަރާއި އޮޅުވެލިފުށްޓާއި ކުރެންދުއަށް އެމަނިކުފާ ވަނީ ވަޑައިގެންފައެވެ.

މިއީ ސިންގަޕޫރުން ތައިރޮއިޑްއަށް ފަރުވާ ހޯއްދެވި ފަހުން އެމަނިކުފާނުގެ އުފަން ރަށަށް ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. ހިންނަވަރުގައި ރައީސްގެ އާއިލާ ބޭފުޅުން މިހާރުވެސް ދިރިއުޅުއްވައެވެ.