ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސްގެ ކޮއްކޯފުޅު، އަހްމަދު އަވަހާރަވެއްޖެ

Jun 21, 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ކޮއްކޯފުޅު، އަހްމަދު މުހައްމަދު ސޯލިހް (އަހްމަދުބެ) އަވަހާރަ ވެއްޖެ އެވެ.

އަހްމަދު ރޭގެ ވަގުތެއްގައި އަވަހާރަވީ ސީރިއަސް ބައްޔަކަށް ދުބާއީގައި ފަރުވާ ހޯއްދަވައި ހޮސްޕިޓަލުން އިއްޔެ ދޫކޮށްލި ފަހުން ހާޓްއެޓޭކެއް ޖެހިގެން ކަމަށް އަވަސް އަށް މައުލޫމާތު ދެއްވި އާއިލާގެ ބޭފުޅަކު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުމުރުފުޅުން 55 އަހަރުގެ އަހްމަދުމ ބައްޔަކަށް ފަރުވާ ހޯއްދަވަމުން ގެންދަވާތާ ވެސް ދުވަސްކޮޅެއްވެފައިވާ ކަމަށެވެ.

"އާއިލާގެ ބައެއް ބޭފުޅުން މިއަދު ދުބާއީއަށް ވަޑައިގަންނަވާނެ ކަމަށް މައުލޫމާތު ލިބޭ. އެހެންނަމަ ވެސް ސީދާ ރައީސް ވަޑައިގަންނަވާ ކަމެއް އަދި އެނގިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

އަހްމަދު އަވަހާރަވިއިރު ވަރަށް ފަހުން ކައިވެނި ބައްލަވައިގެންނެވި އަނބިކަނބަލުން ދުނިޔޭގައި އެބައިންނެވި އެވެ.

ރައީސް ސޯލިހްގެ އާއިލާގައި 12 ބޭފުޅުން ތިއްބަވާއިރު އަހްމަދަކީ އެ އާއިލާގައި ތިއްބެވި ލޯފަން ހަަތަރު ބޭފުޅުންގެ ތެރެއިން އެއް ބޭފުޅެކެވެ.

އަހްމަދު އަވަހާރަވީ ހާފިޒަކަށް ވެވަަޑައގަތުމަށްޓަކައި ގުރުއާން ހިތުދަސް ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށެވެ. އެ އާއިލާގައި ލޯފަން އަނެއް ތިން ބޭފުޅުންނަކީ މިހާރުވެސް ހާފިޒުންނެވެ.