މޯލްޑިވްސް މީޑިއާ ކައުންސިލް

މީޑިއާ ކައުންސިލްގެ ތިޖޫރި ފަޅާލައިފި

Apr 26, 2022
2

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ތިޖޫރީ ފަޅާލައިފި އެވެ.

އެމްއެމްސީގެ އޮފިޝަލަކު އަވަސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ތިޖޫރި ފަޅާލާފައި ހުރި ކަން އެނގުނީ މުވައްޒަފުން މިއަދު އޮފީހަށް ނިކުތުމުން ކަމަށެވެ.

ކައުންސިލުން މިހާރު ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.

އޮފިޝަލް ވިދާޅުވީ ތިޖޫރި ފަޅާލި ކަމަށް ބެލެވެނީ ރޭ ދަންވަރުގެ ވަގުތު ކަމަށެވެ.

ތިޖޫރި ފަޅާލިއިރު ޕެޓީ ކޭޝްގެ ގޮތުގައި ހަރަދުކުރުމަށް ބަހައްޓާފައި ހުރި 3،612 ރުފިޔާ ތިޖޫރީގައި ހުރި ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ. ނަމަވެސް ތިޖޫރި ފަޅާލި މީހުން ވަނީ އެ ފައިސާ ވަގަށް ގެންގޮސްފަ އެވެ.

އެމްއެމްސީއަށް ވަދެފައިވާ ގޮތެއް އެ ކައުންސިލުން އަދި ހާމަކޮށްފައެއް ނުވެ އެވެ.