އިންޑިއާ އާއި ދެކޮޅަށް ހަބަރު ފަތުރާ ކަމަށް ބުނާ މައްސަލަ ހިމެނޭ ގޮތަށް މީޑިއާއާ ގުޅޭ ތަހުގީގެއް ފުލުހުން ކުރާ ކަން އެނގިފައި ނުވާ ކަމަށް މޯލްޑިވްސް މީޑީއާ ކައުންސިލުން ބުނެފި އެވެ.
އިންޑިއާއާ ދެކޮޅަށް ރާއްޖޭގެ މީޑިއާގައި ހަބަރު ފަތުރާ ކަމަށް ބުނެ ފިޔަވަޅު އަޅައިދޭން އިންޑިއަން ހައި ކޮމިޝަނުން ރާއްޖޭގެ ފޮރިން މިނިސްޓްރީގައި އެދިފައިވާތީ އެކަން ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށް ރައްޔިތުން މަޖިލީހުގެ ފޮރިން ރިލޭޝަން ކޮމެޓީގެ މުގައްރިރު މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވަނީ ވިދާޅުވެފަ އެވެ.
މީޑިއާ ކައުންސިލްގެ ރައީސް ޝަހުބާން ފަހުމީ ވިދާޅުވީ ކައުންސިލްއަށް އެފަދަ އެއް ވެސް މައުލޫމާތެއް ލިބިފައި ނުވާ ކަމަށާއި ފޮރިން މިނިސްޓްރީއިންވެސް އެފަދަ އެއްވެސް މައްސަލައެއް މީޑިއާ ކައުންސިލްއަށް ހުށައަޅާފައި ނުވާ ކަމަށެވެ.
"ފުލުހުން އަދި ފޮރިން މިނިސްޓްރީއިން ވެސް މިފަދަ އެއްވެސް މައްސަލައެއް ބަލާ ތަހުގީގު ކުރަމުން އަންނަ ކަމެއް ބުނެފައެއް ނެތް، އެކަމަކު މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީއިން ބަލަމުން ގެންދާ މައްސަލައެއްގެ ސިޓީއެއް ވަނީ ލިބިފައި" ޝަހުބާން ވިދާޅުވި އެވެ.
ޝަހުބާން އިޝާރާތް ކުރެއްވީ ނޫހެއްގައި އިންޑިއާއާ ގުޅޭގޮތުން ލިޔުނު ރިޕޯޓެއްގެ މައްސަލަ ބަލަން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ޖަވާބުދާރިވުމަށް އެމްއެމްސީއަށް ފޮނުވާފަައިވާ ސިޓީއަށެވެ. މި މައްސަލާގައި މާދަމާ ގައި ޖަވާބުދާރީވާން މަޖިލީހަށް ކައުންސިލުން ހާޒިރުވާން ޖެހެ އެވެ.
ޝަހުބާން ވިދާޅުވީ އެ ކޮމިޓީގައި ދެ މައްސަލައަކާ ގުޅޭ ސުވާލު ތަކަކަށް ޖަވާބުދާރީ ވާނެ ކަމަށާއި އެއީ 13 އަހަރުގެ ކުޑަކުއްޖާ މަރާލި ހަބަރު ބައެއް ނޫސްތަކުން ގެނެސްދީފައިވާ ގޮތާ ނޫހެއްގައި އިންޑިއާއާ ގުޅޭގޮތުން ލިޔުނު ރިޕޯޓެއްގެ މައްސަލައެވެ.